ޚަބަރު

އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި


  • އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި ޢަމަލުތައް ބެހެއްޓުމަކީ އުފަލާއެކު ކުރަންވާނެ ކަމެއްކަމަށް ވިދާޅުވި

  • މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެކަމަށްވެސް ވިދާޅުވި

ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތަށް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަކީ މި ޤައުމަށް ޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެ ކަމެއް ކަމަށެވެ. އަދި މުސްލިމުންގެ ސަގާފަތާއި ޚިލާފު ކަންކަމާ ދުރުވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިސްލާމް ދީނުގެ ޙުދޫދުން ބޭރުވާނުވާ ގޮތަށް ޢަމަލުތައް ބައްޓަންކުރެއްވުމަށް ފިލްމާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ކިބައިން ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތަށް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ބޮޑެތި މީހުންވުމަކީ މި ޤައުމަށް ޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމަށެވެ.


އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިންވެސް ވަނީ ވިދާޅުވެއްޖެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ޢުމްރާނީ ތަރައްޤީ ޤައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ތަޢުލީމާއި ތަރުބިއްޔަތު ދަރީންނަށް ދީ، އެކަކު އަނެކަކާ ރީތި ބަހުން މުޚާޠަބުކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުންކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދިވެހީންގެ ޤައުމިއްޔަތު ދިރުވާ އާލާކުރުމާއި، އިސްލާމީ ހަޟާރަތް ކުރިއަރުވާ މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ.