އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.94 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިއަހަރުގެ މިހާތަނަށް 1.94 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.77 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު %9.9 އިތުރު އަދަދެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2 މިލިޔަން ފަތުރުވެރިން ހަމަވާން ދެން ބޭނުންވަނީ 50،587 ފަތުރުވެރިންނެވެ.
ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިމަހުގެ ފުރަތަމަ 19 ދުވަސްތެރޭ ރާއްޖެއަށް ވަނީ 122،479 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %11.6 އިތުރު އަދަދެކެވެ.
* ޗައިނާ: 305،500 ފަތުރުވެރިން
* ރަޝިއާ: 245،989 ފަތުރުވެރިން
* އިނގިރޭސިވިލާތް: 173،970 ފަތުރުވެރިން
* ޖަރުމަނުވިލާތް: 146،935 ފަތުރުވެރިން
* އިޓަލީވިލާތް: 127،248 ފަތުރުވެރިން
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6446 ފަތުރުވެރިން އާދެއެވެ. ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ، ރިސޯޓްތަކުގައެވެ. އެއީ %73.7 އެވެ. ގެސްޓް ހައުސްތަކުގައި %21.6 ފަތުރުވެރިން އަދި ހޮޓެލްތަކުގައި %2.1 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.