ޚަބަރު

ކުއްޖާ ނެގި މައްސަލައިގެ ހެކިތަކާއި ގަރީނާތައް ދިރާސާކުރަނީ


  • ގިނަ މައުލޫމާތު ވަނީ ހޯދާފަ

  • ތަހުގީގަށް ބޭނުންވާ އެންމެހައި މައުލޫމާތު ވަރަށް އަވަހަށް ހޯދައި ނިންމާލެވޭނެ

ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމުން ކުރިއަށްގެންދާ ތަހުގީގުގައި މިހާރު ކުރިއަށް ދަނީ ހެކިތަކާ ގަރީނާ ތަކުގެ ދިރާސީ މަސައްކަތް ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، މައްސަލައާ ގުޅުންހުރި ވަރަށް ގިނަ މައުލޫމާތު މިހާރު ވަނީ ހޯދާފައިވާކަމަށެވެ. އަދި ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އިތުރު ހެއްކާ މައުލޫމާތުހޯދުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދާކަމަށް އެކޮމިޝަނުން ފާހަގަކުރެއްވިއެވެ. އެ ކޮމިޝަނުން ވިދާޅުވީ ތަހުގީގަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ވަރަށް އަވަހަށް ހޯދައި ނިންމާލެވޭނެކަމަށެވެ.

އުފަންވުމާއެކު ދައުލަތަށް ކުއްޖަކު ނެގުމުގައި، ޞިއްޙަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ޢަމަލުކޮށްފައިވާ ގޮތް ބެލުމަށް، އަމުރަކާއެކު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ވަނީ ޖެންޑަރ މިނިސްޓްރީ ބަލާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެޗްއާރްސީއެމުން މީގެކުރިން ވިދާޅުވީ، ހުޅުމާލޭގައި ހިންގާ އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއަށް ގޮސް އިންޓަރވިއުކުރަންޖެހޭ ފަރާތްތަކާއި އިންޓަރވިއުކޮށް ބަލަންޖެހޭކަންކަން ބަލާފައިވާކަމަށެވެ. އެޗްއާރްސީއެމުން އިތުރަށް ވިދާޅުވީ މައްސަލައިގެ ތަހުޤީގަށް، ޞިއްޙަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ފުރިހަމައަށް އެއްބާރުލުންދެމުންދާކަމަށެވެ.

މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް އަންނަ ކަމަށް ބުނެ ޝަކުވާ ހުށަހަޅައިފިނަމަ، ނުވަތަ ކޮމިޝަނަށް އެފަދަ ކަމެއް ފާހަގަވެއްޖެނަމަ އަމިއްލައަށް އިސްނަގައިގެން މައްސަލަ ތަހުގީގުކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިދީފައިވެއެވެ. ކުޑަކުއްޖަކު ދައުލަތަށް ނެގިގޮތާއި މެދު ބައެއް ފަރާތްތަކުން ސުވާލުކުރައްވަމުންދާއިރު، ޞިއްޙަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ބުނެފައިވަނީ ކުއްޖާ ދައުލަތަށް ނެގުމުގައި އަމަލުކޮށްފައި ވާނީ ގާނޫނާ އެއްގޮތަށް ކަމަށާއި ކުއްޖަކު އެގޮތަށް ނަގާނީ އާއިލާ އިން ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި އެކަނި ކަމަށެވެ.