ޚަބަރު

ނިއުރޭޑިއަންޓުން ލީގު ހުޅުވާނީ ގައްދޫގައި


  • ލީގުގެ ކުޅުން ކުރިއަށްދާނީ ހޯމް އެންމެ އަވޭ އުސޫލުން

  • ގައްދޫގެ އިތުރުން ދިއްދޫގައިވެސް މެޗު ކުޅޭނެ

މިސީޒަންގެ ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅެން ޖެހޭ ފުރަތަމަ މެޗު، ގދ. ގައްދޫގައި ކުޅެން ތާވަލުކޮށްފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބްތަކަށް ފޮނުވާފައިވާ ލީގު ތާވަލުގެ (ޑްރާފްޓް)ގައި މި އަހަރުގެ ސީޒަން ފެށުމަށް ތާވަލުކޮށްފައި ވަނީ 10 ސެޕްޓެމްބަރުގައެވެ.

ލީގުގެ މެޗެއް މާލެއިން ބޭރުގައި ބާއްވަން އެފްއޭއެމް އިން ތާވަލުކޮށްފައިވާއިރު، މިއީ ލީގު ތާރީޚުގައި ހޯމް އެންޑް އަވޭ އުސޫލުން މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ލީގު ހުޅުވާ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކްލަބް އެވެ. މި މެޗު ކުޅޭނީ ޤައުމީ ފުޓުބޯޅަ ދަނޑުގައެވެ.

11 ސެޕްޓެމްބަރުވާ ހުކުރު ދުވަހު ހަވީރު ދެ މެޗެއް ތާވަލުކޮށްފައިވާއިރު، ހުކުރު ދުވަހު ހަވީރު ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ނުކުންނާނީ ގައްދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ގައްދޫ ފުޓުބޯޅަ ދަނޑުގައެވެ.

ގައްދޫގެ އިތުރުން މި ފަހަރުގެ ލީގުގެ މެޗުތައް ހއ. ދިއްދޫގައި ކުޅުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ. ދިއްދޫގައި ކުޅޭ ފުރަތަމަ މެޗު ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހަށެވެ. އެ މެޗުގައި ދިއްދޫ އިން ނުކުންނާނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ.

ލީގުގެ މެޗުތަކުގެ ޝެޑިއުލް ޓީމުތަކަށް އެފްއޭއެމް އިން ފޮނުވާފައިވާއިރު، ސެޕްޓެމްބަރު 26 އިން 08 އޮކްޓޯބަރަށް ޤައުމީ ޓީމް ބްރޭކް ނަގާނެއެވެ. އަދި 23 އޮކްޓޯބަރުން 21 ނޮވެމްބަރަށް ސާފް ޗެމްޕިއަންޝިޕަށް ވެސް ލީގު މެދު ކަނޑާލާނެއެވެ.