ޚަބަރު

ހއ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ މަސައްކަތް ފަށައިފި


  • މިއީ، ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް

  • 185.57 މިލިޔަން ރުފިޔާގެ މިމަޝްރޫޢު ހަވާލުކުރީ، 780 ދުވަސް ތެރޭ ނިންމާ ގޮތަށް

  • މިމަޝްރޫއުގެ ދަށުން 4 ފަންގިފިލާ ހިމެނޭ 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރާނެ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް އެރަށުގައި ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖީލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުލް ލަތީފު މުޙައްމަދާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއާއި، ހއ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ހއ.ދިއްދޫ ކައުންސިލުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލަކީ، ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން 4 ފަންގިފިލާ ހިމެނޭ 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ހަމަޖެހިފައިވާއިރު، 1 ފަންގިފިލާގެ ސަރވިސް ބްލޮކަކާއި، ވަށާފާރެއް ރޭނުމަށް ވަނީ ހަމަޖެހިފައެވެ. 185.57 މިލިޔަން ރުފިޔާގެ މިމަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ، 780 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

4186 މީހުންގެ އާބާދީއެއް އޮންނަ ދިއްދޫއަކީ، ދުވާލަކު އެތައް ބަޔަކު ޞިއްޙީ ފަރުވާ ހޯދުމަށް ދަތުރުކުރާ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ދިއްދޫ އަތޮޅު ހޮސްޕިޓަލު އިމާރާތް ބާވެ، ޚިދުމަތް ފުޅާނުވުމަކީ ރައްޔިތުން އަބަދުމެ ކުރަމުން އަންނަ ޝަކުވާއެކެވެ.

ދިއްދޫ ރައްޔިތުން އަދި ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންގެ އުއްމީދަކީ، މާލެ ސިޓީ ނުވަތަ ކުޅުދުއްފުށި ސިޓީއަށް ދާން ނުޖެހ،ި ޒަމާނީ ޞިއްޙީ ފަރުވާގެ ޚިދުމަތް ހއ.އަތޮޅުން ލިބޭގޮތް ވުމެވެ. ދިއްދޫ ހޮސްޕިޓަލުގެ އައު އިމާރާތް ނިމުމާއެކު، ތިލަދުންމަތީގައި ދިރިއުޅޭ ރައްޔިތުންނަށް ބޭސްފަރުވާ ހޯދުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ، ކާމިޔާބުކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.