އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.
ނޯތު ލަންޑަނުގެ ވާދަވެރި ދެ ކްލަބުގެ ބައްދަލުވުމުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ޖުމްލަ 29 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް ޗެލްސީ އަށް 23 ޕޮއިންޓް ލިބިފައިވާއިރު ޓޮޓްނަމް ހޮޓްސްޕަރ އޮތީ 9 ވަނައިގައި ޖުމްލަ 18 ޕޮއިންޓާއެކުގަ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 36 ވަނަ މިނިޓުގައި މިކޭލް މެރީނޯ ދިން ޕާހަކުން ލިއަންދްރޯ ޓްރޮސާޑް ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފަ އެވެ.
އަދި އޭގެ ފަސް މިނިޓު ފަހުން އެބެރޭޗީ އެޒޭ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ މިނިޓެއްވެސް ނުވަނީސް އެޒޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
ޓޮޓްނަމް އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 55 ވަނަ މިނިޓުގައި ރިޗަލިސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ނަމަވެސް މެޗުގެ 76 ވަނަ މިނިޓުގައި އެޒޭ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހެދުމަށްފަހު މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށް އާސެނަލް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. މިއީ ސީނިއަރ ޓީމުގައި އެޒޭ ހެދި ފުރަތަމަ ހެޓްރިކެވެ.
އާސެނަލް އަށް އެންމެ ފަހުން ޕްރިމިއާ ލީގު ކާމިޔާބު ކުރެވިފައިވަނީ 2004 ވަނަ އަހަރު އެވެ. އަދި ފާއިތުވެދިޔަ ތިން ސީޒަނުގައިވެސް އެ ޓީމުން ލީގު ނިންމާފައިވަނީ ދެވަނައިގައި އޮވެގެންނެވެ.