ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވކްޓަރީ (ޔޫވީ) އަތުން ބުރު ސްޕޯޓްސް ކުލަބުން މުހިންމު މޮޅެއް ހޯފައިފިއެވެ. ބުރުން މިމެޗު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ ފަހު 10 މިނިޓް ތެރޭގައި ޖެހި ލަނޑުތަކާ އެކު 2-0 ލަނޑުންނެވެ.
މި ނަތީޖާ އެކު ބުރު މިވަނީ ކުޅުނު 8 މެޗުން 11 ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. ކުލަބު ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކުލަބު ކުޅުނު މެޗު އެއްވަރުވުމުން 4 ޕޮއިންޓާ އެކު ޔޫވީ ވަނީ ތާވަލު ފުލަށް ވެއްޓިފައެވެ.
ލީގުގެ 8 ވަނަ ހަފްތާގެ ކުޅުން ނިމުނުއިރު 24 ޕޮއިންޓާ އެކު އެއްވަނައިގަ އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ދެވަނަގައި އޮޑި ސްޕޯޓްސް ކުލަބު އޮތީ 19 ޕޮއިންޓާއެކުވެ. މިހަފްތާގަ ކުޅުނު މެޗުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިވުމުން ވަނީ ތިންވަނައަށް ވެއްޓިފައެވެ. އެއީ 17 ޕޮއިންޓާއެކުވެ.
ތާވަލުގެ ހަތަރު ވަނައިގަ އީގަލްސް 12 ޕޮއިންޓާއެކު އޮތް އިރު ވިކްޓަރީ 6 ވަނައިގަ އޮތީ 9 ޕޮއިންޓާއެކުވެ. 7 ޕޮއިންޓާ އެކު ވެލެންސިޔާ 7 ވަނައިގަ އޮތްއިރު 8 ވަނައިގައިވާ ޓީސީ އާއީ 9 ވަނައިގަ އޮތް ހްރީންއަށް ވަނީ 05 ޕޮއިންޓް ލިބިފައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ފަށައިގެން މާ އެދެވޭ ކުޅުމެއް ދެޓީމަށް ދެއްކިފައެއް ނުވެއެވެ. މެޗުގެ 5 ވަނަ މިނިޓުގައި ބުރުގެ ބިދޭސީ ފޯވާޑް ހުޑްސަން ޑިއާސް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅެއް ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ލަނޑު ބުރުން ޖެހީ ލިބުނު ކޯނަރެއްގައި ބުރުގެ މިސްރު ޑިފެންޑަރ އަލާއެލްދީން އެލްސައީދު ބޮލުން ގޯލު އޭރިއާ ތެރެއަށް ފޮނުވާލުމުން ބުރުގެ އަރީން އަބްދުލްﷲ އިބްރާހިމް ގޯލުގެ ތެރެއަށް ބޯޅަ ވައްދައިލައިގެންނެވެ. މި ލަނޑު އެޓީމުން ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 35 ވަނަ މިނިޓުގެ ތެރޭގައެވެ.
ބުރުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 44 ވަނަ މިނިޓުގައި އޭރިއާ ތެރެއަށް އަލީ ހަމްދާން ނަގައިދިން ބޯޅައެއް ހުޑްސަން ޑިއަސް ބޮލުން ގޯލަށް ވައްދައިލައިގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން ނުކުތް މުހައްމަދު ނާއިމް ހުސްކޮށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ނާއިމަށް ވަނީ ގޯލުގެތެރެއަށް ފޮނުވާލުމުގައި ނާކާމިޔާބުވެފައެވެ. މިހާފުގެ އޭރިއާ ބޭރުން ހަމްދާން ފޮނުވާލި ހިލޭޖެހުމެއް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ބުރު ނުކުންނާނީ ވެލެންސިޔާ ދެކޮޅަށެވެ.