އަތޮޅު ކައުންސިލް އުވާލައި ޚަރަދު ކުޑަކުރަން ޤާނޫން އަސާސީއަށް ގެންނެވި އިޞްލާޙަކީ ވަރަށް މުހިންމު މުނާސަބު އިޞްލާހެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޤާސިމް އިބްރާހީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ހިންގުމުގައި 2011 ވަނަ އަހަރުން ފެށިގެން ކުރެވިފައިވާ ތަޖްރިބާއިން ބަލާނަމަ، އަތޮޅު ކައުންސިލަކީ، ރާއްޖޭގެ ހާލަތުގައި ކޮންމެހެން އޮންނަށް ޖެހޭ ލޭޔަރެއް ނޫންކަން ހާމަވެފައިވާކަމަށެވެ.
އަދި ރަށު ކައުންސިލްތަކުން ނިންމާނިންމުންތައް، އަތޮޅު ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ ކަމާއިގުޅުން ހުރި އިދާރާތަކާއި، މުއައްސަސާތަކަށް ދަތުރުކުރުމުގެ ބަދަލުގައި ސީދާ ރަށު ކައުންސިލުން ގުޅުންހުރި އިދާރާތަކަށް ހުށަހެޅިގެން ދިއުމުން، ރަށު ކައުންސިލްތަކުން ދޭންބޭނުންވާ ޚިދުމަތް އަވަސްވެ، ދައުލަތުގެ ޚަރަދުކުޑަވެ އެފިޝެންސީ އިތުރުވެގެންދާނެކަމަށް ޤާސިމް ވިދާޅުވިއެވެ. ޚާއްޞަ ކޮށް މިއަދުގެ ސަރުކާރުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އުފައްދަވާފައިވާތީ އާއި، އެ ވުޒާރާއިން ނުހަނު ޒިންމާދާރުކަމާއެކު، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި، ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ. އެހެންކަމުން ރަށު ކައުންސިލްތަކުގެ، ނުވަތަ ސިޓީ ކައުންސިލްތަކުގެ ނިންމުންތަކުގައި އަތޮޅު ކައުންސިލުގެ ދައުރެއް ޖުމުލަގޮތެއްގައި އޮތްކަމަކަށް ނުބެލެވޭކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
އެހެންކަމުން ގާނޫނުއަސާސީގެ 230 އަދި 231 ވަނަ މާއްދާ އިސްލާހުކޮށް، އަތޮޅު ކައުންސިލްގެ ބައި އެ މާއްދާތަކުން އުނި ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާ އެ ބިލް މަޖިލީހުން ފާސްވެފައިވާތީ ޕީއެންސީ ޕާލިމެންޓްރީ ގުރޫޕަށް ޤާސިމްވަނީ މަރުހަބާ އާއި ތަޙްނިޔާ ދަންނަވާފައެވެ.
ޤާސިމް ވިދާޅުވީ ޤައުމުގެ ހިންގުން ހަރުދަނާކޮށް، އެފިޝެންސީ އިތުރުކޮށް، ޚަރަދުކުޑަކޮށް ޤައުމު ކުރިއަށްގެންދިއުމަށް އަޅުއްވާ މިފަދަ ކޮންމެ ފިޔަވަޅަކަށް ޤާސިމާއި، ޖުމްހޫރީ ޕާޓީގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނޭކަމަށެވެ.
ޤާސިމްވަނީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ.