ޔޫއެފާ ޗެމްޕިއަންސް ލީގާއި ކުރިމަތިލާއިރު މި މުބާރާތް ކާމިޔާބުކުރުމަށް އިތުރު ޕްރެޝަރެއް ނެތް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ދެވަނަ ފަހަރަށް ހަވާލުވެ, މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި އިޓަލީގެ އިންޓަރ މިލާނާއި ދެކޮޅަށް ރެއާލް މެޑްރިޑް މިރޭ ނިކުންނައިރު މޮރީނިއޯ އަށް ރެއާލް މެޑްރިޑާއިއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިނުވި ނަމަވެސް އިދިކޮޅަށް ނިކުންނަ އިންޓަރ މިލާނާއިއެކު އޭނާ ވަނީ 2010 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް ނިކުތުމުގެ ކުރިން މޮރީނިއޯ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވަނީ ރެއާލް މެޑްރިޑާއިއެކު އޭނާއަށް ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި އަދި އޭރުގެ ކާމިޔާބީތަކާއި މިހާރާއި އަޅާ ނުކިޔޭނެ ކަމަށެވެ.
"އަހަރުމެން ބޭނުންވަނީ ހުރިހާ މެޗެއްވެސް ކާމިޔާބުކުރަން. އެކަން ކުރެވޭނީ ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަ ވެގެން." މޮރީނިއޯ ބުންޏެވެ.
އިންޓަރ މިލާނާއި ދެކޮޅަށް މިރޭ ރެއާލް މެޑްރިޑް ނިކުނައިރު މިދިޔަ ހުކުރު ދުވަހު ލަލީގާގައި ރެއާލް ބެޓިސް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން އެ ޓީމު ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
15 ފަހަރު މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑް އިން މި ފަހަރުގެ މުބާރާތާއި ކުރިމަތިލަނީ 2024 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމަށެވެ.
މޮރީނިއޯ އިތުރަށް ބުނެފައިވަނީ ރެއާލް މެޑްރިޑާއި ދެވަނަ ފަހަރަށް ހަވާލުވިއިރު އޭނާއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް އިތުރު ޕްރެޝަރެއް ނެތް ކަމަށާއި މި ފަހަރުވެސް ޓީމާއި ހަވާލުވީ ކާމިޔާބީތަކެއް ހޯދުމުގެ އުންމީދުގައި ކަމަށާއި އަދި މިއީ ފެށުން ކަމަށެވެ.