ޚަބަރު

ވެމްކޯއިން 2 ވަނަ ފަހަރަށް އެސޯސިއޭޝަން ކަޕް މިލްކުކޮށްފި


  • ވެމްކޯއިން އެންމެ ފުރަތަމަ އެސޯސިއޭޝަން ކަޕު ކާމިޔާބުކުރީ 2021 ގައި

  • މި ފަހަރުގެ މުބާރާތް ވެމްކޯއިން ކާމިޔާބުކުރީ ސައްތައިން ސައްތަ ރެކޯޑަކާއެކުގައި

ކްލަބް އެމްޓީސީސީގެ މައްޗަށް 3-1 ސެޓުން ކުރިހޯދައި ކުލަބް ވެމްކޯއިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އެސޯސިއޭޝަން ކަޕު ދެވަނަ ފަހަރަށް މިލްކު ކޮށްފިއެވެ.

ވެމްކޯ އިން އެންމެ ފުރަތަމަ އެސޯސިއޭޝަން ކަޕު ކާމިޔާބުކުރީ 2021 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިދިޔަ ހަ އަހަރު ވެސް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ހޯދީ ވެމްކޯއިންނެވެ. މީގެ އިތުރުން ވެމްކޯއިން ވަނީ މިދިޔަ ހަތަރު އަހަރު ގައުމީ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. މިދިޔަ ހަ އަހަރަށް ބަލާއިރު، ވެމްކޯއަކީ އަންހެން ވޮލީގައި އެންމެ ކާމިޔާބު ޓީމެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯއިން ވަނީ ހަމަޖެހިލައިގެން ކުޅެ 20-25 އިން ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓުގައި އެމްޓީސީސީއަށް ދިމާވީ ޑިފެންސްގައި ރަނގަޅު ރިސީވްތަކެއް ނުދެވުނު މައްސަލައެވެ.

އެކަމަކު ދެވަނަ ސެޓުގައި އެމްޓީސީސީން ވަނީ ރަނގަޅު ރިސީވްތަކެއްދީ ފުރަތަމަ ސެޓުގައި ހެދުނު ގޯސްތައް ރަނގަޅުކޮށްފައެވެ. މި ސެޓުގެ މެދު ތެރެއިން އެމްޓީސީސީން ހަ ޕޮއިންޓްގެ ލީޑެއް ނެގިއިރު، އެ ލީޑު އެ ޓީމުން ވަނީ ހިފަހައްޓައި 25-20 އިން ސެޓު ކާމިޔާބުކޮށްފައެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓުގައި ވެސް ވެމްކޯ އިން ވަނީ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފައި ފަސޭހަކަމާއެކު 13-25 އަދި 18-25 އިން ސެޓު ކާމިޔާބުކޮށްފައެވެ.

މުޅި މުބާރާތައް ބަލާއިރު، ވެމްކޯއިން މުބާރާތް ކާމިޔާބުކުރީ މެޗަކުން ބަލިނުވެއެވެ. އަދި ފައިނަލުގެ ކުރިން ވެމްކޯއިން ވަނީ ގްރޫޕް ސްޓޭޖުގައި ވެސް އެމްޓީސީސީ ބަލިކޮށްފައެވެ. ވެމްކޯއަށް މި ފަހަރުގެ މުބާރާތުގެ މެޗަކުން ބަލިނުވެ ކާމިޔާބުކުރިއިރު، އެ ޓީމަށް ގެއްލުނީ އެންމެ ސެޓެކެވެ. އެއީ ފައިނަލް މެޗުގައި އެމްޓީސީސީން ގެންދިޔަ ސެޓު އެކަންޏެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ ސެޓަރު ޖޫޒާން ޒަރީރެވެ. އަދި އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަކީ ވެމްކޯގެ، ޖޫޒާން، އައިޝަތު މާޖިދާ (މާޖި)، ނަރީމާ އިދުރީސް (ނަންނި)، އެމްޓީސީސީގެ މާޔާ ހުސެއިން ސޮލާހް، ހުރާ ކޮމިއުނިޓީ ކްލަބްގެ ލިބަރޯ މަނާލް އިސްމާއިލް ރަޝީދު އަދި ފާތިމަތު ލިވާ ހުސެއިންއެވެ.