ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ޣައްޒާގެ ސަރަޙައްދުތަކުގައި އުފެދިފައިވާ ގައުކުނޑި ފުޅާ ދާއިރާއެއްގައި ސާފުކުރުމުން އެ ސަރަޙައްދުތަކުގައި ޔަހޫދީން ހިންގާފައިވާ ޖަރީމާތަކުގެ ހެކިތައް ފޮހެވިގެން ހިނގައިދާނެ ކަމަށާއި، ގައުކުނޑީގެ ދަށުވެފައިވާ ހަށިތައް ހޯދުމަށް ހުރަސް އެޅޭނެ ކަމަށް އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ސަރަޙައްދުތަކަށް ކަނޑައަޅާފައި ހުންނަވާ އދގެ ޚާއްޞަ ރެޕްއޯޓަރ، ފްރާންސެސްކާ އަލްބަނީސް ވިދާޅުވެއްޖެއެވެ.
ޚާއްޞަ ރެޕްއޯޓަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގައުކުނޑިތައް ނަގައި، ހިމުންކޮށް، އެހެން ސަރަޙައްދުތަކަށް އެ ތަކެތި ބަދަލުކުރުމުގެ ސަބަބުން ބައިނަލްއަޤްވާމީ ޖަރީމާތައް ޣައްޒާގައި ހިންގާފައިވާ ކަމުގެ ހެކިތައް ނެތިގެން ގޮސްގެން ނުވާނެ ކަމަށެެވެ. އަދި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ޣައްޒާގެ ރައްޔިތުންގެ ހަށިތައް ހޯދައި އެ މީހުންގެ ވަނަވަރު ދެނެގަތުމަށް ހުރަސް އެޅިގެން ނުވާނެ ކަމަސް ވެސް އޭނާ ވިދާޅުވިއެވެ.
އަލްބަނީސް އިތުރަށް ވިދާޅުވީ ޔަހޫދީން ހިންގާފައިވާ ޖަރީމާތަކާއި ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ މުހިންމު ހެކިތައް ގައުކުނޑިތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އެއީ ތަހުޤީޤަށް ކޮންމެހެން މުހިންމު ހެކިތަކެއްގެ ގޮތުގައި އޭނާ ސިފަކުރައްވާފައިވެެއެވެ.
ފަލަސްޠީނުގެ އިދާރާތަކުން ލަފާކުރާ ގޮތުގައި އިމާރާތްތަކުގެ ދަށުގައި ޣައްޒާގެ 10،000އަށްވުރެ ގިނަ ރައްޔިތުންގެ ހަށިތައް ތާށިވެފައި އެބަ ހުއްޓެެވެ. އަލްބަނީސް ވިދާޅުވީ ހަށިތައް ހޯދައި، އެ މީހުންގެ މަޢުލޫމާތު ނޯޓުކޮށް، ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ ފަދަ ތަކެތި ރައްކާނ ކުރެވޭނެ އިންތިޒާމް ގައުކުނޑިތައް ނެގުމުގެ ކުރިން ނުވަތަ ނައްތާލުމުގެ ކުރިން ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އެ ފަދަ ހެކިތައް އެއްކުރުމުގެ މަސައްކަތް ބައިނަލްއަޤްވާމީ ތަހުޤީޤުތައް ހިންގާ ފަރާތްތަކުން ގާތުން ބެލުމަށް އޭނާ ގޮވާލައްވާފައިވެއެވެ.
އޭގެ އިތުރުން ގައުކުނޑި ނައްތާލުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ދައުލަތްތަކާއި ކުންފުނިތަކުން ބައިނަލްއަޤްވާމީ ޖަރީމާއެއްގެ ހެކި ނައްތާލުމުގެ ޒިންމާ އުފުލަން ޖެހިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވާފައިވެއެވެ. ގައުކުނޑި ނައްތާލެެވޭނީ ފަލަސްޠީނުން އިންތިޒާމު ކުރާ ގޮތެއްގެ މަތިން ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަންވާނީ ފަލަސްޠީނުން އިތުބާރުކުރާ ބަޔަކު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޖަރީމާއެއްގެ ހެކި ނައްތާލުމަކީ ޤަނޫނީ ކުށެއް ކަމަށާއި، ޣައްޒާ އަލުން އާރާސްތުކުރުން ގުޅިފައި އޮންނަން ވާނީ މާޒީގެ ހެކިތަކާއި ޝަހީދުވި މީހުންނަށް އިންސާފު ހޯދައިދިނުމަށް ބޭނުންވާ ހެކިތައް ނައްތާލުމުގެ މައްޗަށް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.