އދގެ އިންސާނީ ހައްޤުތަކާއި ބެހޭ މަޖިލީހުގެ 63 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މިފަހަރުގެ ސެޝަން ސެޕްޓެމްބަރ 7 އިން އޮކްޓޯބަރ 7 އަށް ކުރިއަށްދާޢިރު ރާއްޖެއިން އިންސާނީ ހައްޤުގެ ދައިރާގެ ކޮށްފައިވާ މަސައްކަތްތަކާއި އަދި ދުނިޔޭގެ އިންސާނީ ހައްޤުތަކާއި ގުޅިފައިވާ ދިވެހި ސަރުކާރުން އިސްކަންދޭ މައްސަލަތަކުގައި ރާއްޖެއިން ވަކާލާތު ކުރާނެއެވެ.
ސްވިޒަލޭންޑުގެ ޖެނީވާގައި ކުރިއަށްދާ އިންސާނީ ހައްޤުތަކާއި ބެހޭ މަޖިލީހުގެގެ 63 ވަނަ ސެޝަން ފައްޓަވައި ދެއްވީ، އދ.ގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރ ފޮލްކަރ ތުރްކުއެވެ. އޭނާ ސެޝަން ފެށުމުގެ ގޮތުން ދެއްކެވި ވާހަކުފުޅުގައި މިހާރު ދުނިޔޭގެ އިންސާނީ ހައްޤުތަކުގެ މައްސަލަތައް އޮތް ގޮތުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ.
ދިވެހިރާއްޖެއިން މިފަހަރުގެ ސެޝަންގައި ބައިވެރިވާއިރު އެޖެންޑާގައި ހިމެނޭ ތަފާތު އެކި މައްސަލަތަކުގައި ބަޔާން އިއްވާނެއެވެ. މީގެ ތެރޭގައި ތަރައްޤީގެ ދައިރާގައި އދ.ން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބުގެ ރިޕޯޓާއި، މިޔަންމާގެ މައްސަލައިގެ ތަހުޤީޤުގެ އިތުރުން ފަލަސްޠީނު ހިމެނޭހެން އަރައިގަނެފައިވާ އަރަބިންގެ ބިންތަކުގައި ދިމާވެފައިވާ އިންސާނީ ހައްޤުތަކުގެ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން އދ. ސެކެރެޓަރީ ޖެނެރަލްގެ ކްލައިމެޓް ފައިނޭންސިންގ ހޯދުމާއި ގުޅޭ ރިޕޯޓަށްވެސް ދިވެހިރާއްޖެއިން ވާޙަކަ ދައްކާނެއެވެ.
ނޮން އެލައިންޑް މޫވްމެންޓް ޤައުމެއްގެ ހައިސީއްޔަތުންނާއި، އިސްލާމީ ޤައުމުގެ ތަކުގެ ބައިނަލްއަޤްވާމީ ޖަމީއްޔާ އޯއައިސީގެ މެންބަރުގެ ޤައުމެއްގެ އިތުރުން ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމެއްގެ ހައިސީއްޔާތުން ރާއްޖެއިން އެކި ފަރާތްތަކުން ގުޅިގެން އިއްވާ ބަޔާންތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިފަހަރުގެ ސެޝަންގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ދިވެހިރާއްޖެއިން އދ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސްލްމާ ރަޝީދު އެވެ. މީގެ އިތުރުން މިވަފުދުގައި އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދައިމީ އޮފީހުގެ ފަރާތްތަކުން ބައިވެރިވާނެއެވެ.
އދ. އިންސާނީ ހައްޤުތަކާއި ބެހޭ މަޖިލީހަކީ އދ. ނިޒާމުގެ ތެރެއިން އިންސާނީ ހައްޤުތައް ކަށަވަރުކޮށް އެ ހައްޤުތައް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ މައި އިދާރާއެވެ. އެފަރާތުން ދުނިޔޭގެ އިންސާނީ ހައްޤުތަކަށް އަރައިގަންނަ މައްސަލަތަކަށް އެފަރާތުން ދެކޭ ގޮތް ހާމަކޮށް އެކަންކަމާއި ގުޅޭގޮތުން ކުރެވިދާނެ ކަންކަން ހިއްސާކޮށްދެއެވެ.
ރާއްޖެއިން ވަނީ މީގެ ކުރިން އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި 2011 އިން 2013 ވަނަ އަހަރުގެ ނިޔަލަށް އަދި 2014 އިން 2016 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ ދައުރު ފުރިހަމަކޮށްފައެވެ. މީގެއިތުރުން 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްދާ ދައުރުގައިވެސް ދިވެހިރާއްޖެއަކީ މަޖިލީހުގެ މެންބަރެކެވެ. އަދި، ދިވެހިރާއްޖެއިން ވަނީ 2013 ވަނަ އަހަރާއި 2023 ވަނަ އަހަރުގައި، މަޖިލީހުގެ ނައިބު ރައީސްގެ މަޤާމު އަދާކޮށް މަޖިލީހުގެ އެންމެ އިސް ހަރުފަތުގައި ދިވެހިރާއްޖޭގެ އިސްނެގުމާއި ބައިވެރިވުން ދައްކުވައިދީފައެވެ.