ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް މާސޭ ކުޅުނު މެޗު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން މާސޭ ކާމިޔާބުކޮށްފި އެވެ.
މާސޭގެ ދަނޑުގައި ކުޅުނު މި މެޗުގެ 6 ވަނަ މިނިޓުގައި ނިއުކާސަލްގެ ހާވޭ ބާރންސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މި ހަފްތާގައި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ ބަލިކޮށް ރަގަޅު ފޯމެއްގައި އޮވެ މި މެޗަށް ނިއުކާސަލް ޔުނައިޓެޑް ނިކުތްއިރު, އެ ޓީމަށް ވަނީ މި މެޗުގައި މާ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވޭ ގޮތް ނުވެފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ މިނިޓެއްވެސް ނުވަނީސް އާސެނަލް އާއި ޗެލްސީ އަށް ކުރިން ކުޅުނު އުމުރުން 36 އަހަރުގެ ފޯވަޑް ޕިއޭ އެމެރިކް އައުބަމެޔަންގް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަދި އޭގެ ހަތަރު މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މާސޭ އަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގައި މާސޭގެ އައުބަމެޔަންގް އަށް ވަނީ މެޗުގެ ފަރަގު ބޮޑު ކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިފަ އެވެ.
މި ނަތީޖާ އާއިއެކު މާސޭ އަށް ވަނީ ފަސް މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ތާވަލުގެ 19 މަގާމް ލިބިފަ އެވެ. ނިއުކާސަލް އަށް ލިބިފައިވާ 9 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ އަށް ވަނައިގަ އެވެ.