އިނގިރޭސި ޕްރެމިއާ ލީގުގެ ސަޕޯޓަރުން އެ ލީގުގެ ކުޅިބަލަން ވަންނަ ޓިކެޓްގެ އަގުބޮޑުވާތީވެ އެކަން ހުއްޓުވައިދޭން ލީގުގައި ރަސްމީކޮށް އެދެފިއެވެ.
މި ގޮތުން ލީގުގެ 100 އަށްވުރެ ސަޕޯޓަރުންގެ ގްރޫޕްތަކުން ވަނީ ޕްރެމިއާ ލީގާއެކު ރަސްމީކޮށް ބައްދަލުކުރަން އެދިފަ އެވެ. ސަޕޯޓަރުންގެ ކަންބޮޑުވުމަކީ އަހަރުން އަހަރަށް ޓިކެޓް އަގު ބޮޑުވަމުންދިއުމެވެ. ހުސްވި ސީޒަނުގައި ޕްރެމިއާ ލީގުގެ 20 ކުލަބުގެ ތެރެއިން 19 ކުލަބަކުން ވަނީ ޓިކެޓް އަގުބޮޑުކޮށްފަ އެވެ. އަދި މި ސީޒަން ފެށުމުގެ ކުރިން 13 ކުލަބަކުން ވެސް ވަނީ އަގުބޮޑުކޮށްފަ އެވެ.
ސަޕޯޓަރުންގެ މިހާރުގެ އެންމެ ބޮޑު އެދުމަކީ ކުރިއަށް އޮތް ދެ ސީޒަނުގެ ޓިކެޓްގެ އަގު ބޮޑު ނުކޮށް އިއުލާނު ކޮށްދިނުމެވެ.
ޕްރެމިއާ ލީގަށް ސަޕޯޓަރުންގެ ގްރޫޕްތަކުން ފޮނުވި ސިޓީގައި ބުނެފައިވަނީ ހިފެހެއްޓުމެއްނެތި ޓިކެޓް އަގުބޮޑުވަމުން އަންނަ ކަމަށާއި މިކަމަށް ހައްލު ހޯދައިނުމަށެވެ.
"ޓިކެޓްގެ އަގު ބޮޑުވުމަކީ ކުޅިބަލާ މީހުންނަށް ވަރަށް ދަތިވާ ކަމެއް. ހާއްސަކޮށް ޒުވާން އާބާދީ އަށް މިއީ އަމުދުން އުނދަގޫވާނެ ކަމެއް. އަދި މިއީ އާދައިގެ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ކުޅިބަލަން ދަނޑަށް ދިއުމުގައި ދަތިތަކެއް ދިމާވާނެ ކަމެއް،" ސަޕޯޓަރުންގެ ސިޓީގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ބުނެފައިވަނީ އަހަރުން އަހަރަށް ކުލަބުތަކުން ކުޅުންތެރިން ގަތުމުގައި ބޮޑެތި ހޭދަތައް ކުރުމަކީ ޓިކެޓް އަގު ބޮޑުވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ އިގްތިސާދީ ކަންކަމާއި ޓީމުތަކުން ކުރާ ހޭދަ އާއި ކުޅުންތެރިންގެ މުސާރަ ބޮޑުވުމާއި ޓްރާންސްފާ ފީތައް ބޮޑުވާނެކަން އެނގޭ ކަމަށާއި ނަމަވެސް މިއިން ކޮންމެ ކަމެއްގެ ހައްލަކީ ސަޕޯޓަރުންގެ ޓިކެޓް އަގުބޮޑު ކުރުން ނޫން ކަމަށެވެ.
އަދިވެސް އިތުރަށް ބުނެފައިވަނީ ޓިވީން މެޗުތައް ދެއްކުމަށް ފަސޭހަ ކުރުމުގެ ގޮތުން މެޗުތައް ފަށާގަޑިތަކަށް ބަދަލު ގެނައުމަކީ ވެސް ސަޕޯޓަރުންނަށް ދަތިވާ ކަމެއް ކަމަށެވެ.
"މިހެން ހެދުމުން މެޗުތައް ކުޅޭ ދުވަސް ދުވަހު ދަނޑަށްދާން ޕްލޭން ކުރަން ވަރަށް ދަތިވޭ. ހާއްސަކޮށް ވަޒީފާ އަދާ ކުރާ މީހުންނާއި ކިޔަވާ ކުދިންނަށް މިއީ އެ މީހުންގެ ވަގުތު މެޗުތައް ބަލަން ހުސްކުރަން އުނދަގޫވާ ކަމެއް. މިއީ ހައްލު ގެންނަން ޖެހޭ ކަމެއް،" ސަޕޯޓަރުންގެ ސިޓީގައިވެ އެވެ.
މި ސިޓީއާ ގުޅިގެން ޕްރެމިއާ ލީގުން ވަނީ ސަޕޯޓަރުންގެ ގްރޫޕްތަކާ މަޝްވަރާ ކުރަން ބައްދަލުވުންތަކެއް ބާއްވަން ނިންމާފަ އެވެ.
މި ސިޓީ ޕްރެމިއާ ލީގަށް ލިބުނުއިރު އެ ލީގުގެ ޓިކެޓްތައް ކުޅުންތެރިންނާއި ކުލަބުތަކުގެ އޮފިޝަލުން މެދުވެރިކޮށް ހެޔޮއަގުގައި ގަތުމަށްފަހު ބޮޑު އަގުގައި އެކިއެކި އޮންލައިންތަކުން ވިއްކާ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. އަދި މި ގޮތަށް ބޮޑު އަގުގައި ޓިކެޓް ގަނެގެން ދަނޑަށްދާއިރު ޓިކެޓްގައިވާ ގޮނޑީގެ ނަންބަރުތައް ދިމާނުވުމާއި ދަނޑުގައި ޖާގަ ނުހުންނަ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.