އަންނަ އަހަރު ބާއްވާ ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި ވާދަވެރި ޕާކިސްތާނާއި އިންޑިޔާ އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.
އަންނަ ފެބްރުއަރީ ފަހު ފަށާ މި ފަހަރުގެ މުބާރާތް ކުޅޭނީ ދެ ގައުމެއްގަ އެވެ. އެއީ އިންޑިޔާ އާއި ސްރީލަންކާގަ އެވެ. މި ގޮތަށް ކުޅެން ޖެހުނީ ވެސް އިންޑިޔާ އާއި ޕާކިސްތާނުގެ އަރައިރުންތަކުގެ ސަބަބުންނެވެ. އިންޑިޔާގެ ފަސްގަނޑުގައި ޕާކިސްތާން މީހަކު ހުންނަން ބޭނުންނުވާތީ އެވެ.
މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި އެމެރިކާ އާއި ނެދަލޭންޑްސް އާއި ނެމީބިއާ އެވެ. ގްރޫޕް ބީގައި ހިމެނެނީ ލަންކާ އާއި އޮސްޓްރޭލިޔާ އާއި އަޔަލޭންޑް އާއި ޒިމްބާބުވޭ އާއި އޮމާނެވެ. ގްރޫޕް ސީގައި ހިމެނޭ އެންމެ ގަދަ ގައުމަމީ އިނގިރޭސިވިލާތެވެ. ދެން ހިމެނެނީ ވެސްޓް އިންޑީޒާއި ބަނގްލަދޭޝް އާއި ނޭޕާލް އަދި އިޓަލީ އެވެ. ގްރޫޕް ޑީގައި ހިމެނެނީ ނިއުޒީލޭންޑާއި ދެކުނު އެފްރިކާ އާއި އަފްގާނިސްތާނާއި ކެނެޑާ އާއި ޔޫއޭއީ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖައްސާފައިވަނީ މާޗު މަހުގެ އަށް ވަނަ ދުވަހު އިންޑިޔާގަ އެވެ. މިހާރު އޮތް ގޮތުން ސެމީ ފައިނަލުގެ ދެ މެޗު ވެސް ކުޅެނީ އިންޑިޔާގެ ކަލްކަތާގަ އެވެ. ނަމަވެސް ޕާކިސްތާން ސެމީ ފައިނަލަށް ދަތުރުކޮށްފިނަމަ އެ މެޗު ކުޅޭނީ ލަންކާގަ އެވެ. ޕާކިސްތާނު ފައިނަލަށް ދަތުރުކޮށްފިނަމަ އެކަމާމެދު ގޮތެއް ނިންމާނީ އަދި ފަހުންނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕާކިސްތާނާއި އިންޑިޔާ ވާދަކުރާނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ލަންކާގެ ކުރީގެ ރައީސް ރަނަހިންހާ ޕްރެމަދާސާ ކްރިކެޓް ދަނޑުގަ އެވެ. މި މުބާރާތުގައި އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާ ދެ ގައުމަކީ ވެސް މިއީ އެވެ. ސަބަބަކީ ސިޔާސީ އަރައިރުންތަކުގެ ސަބަބުން އިންޑިޔާއިން ޕާކިސްތާނުގައި މެޗު ކުޅެން ދެކޮޅު ހެދުމެވެ. ޕާކިސްތާނުގައި މި އަހަރު ބޭއްވި އޭޝިޔާ ކަޕުގެ މެޗުތަކަށް ވެސް އިންޑިޔާ ނުދެ އެވެ. އެ ގައުމުގެ މެޗުތައް ކުޅުނީ ޑުބާއީގަ އެވެ. އިންޑިޔާ ފައިނަލަށް ދިއުމުން ފައިނަލް ކުޅުނީ ވެސް އެ ގައުމުގަ އެވެ. ނަމަވެސް ޗެމްޕިއަންކަން ލިބުމުން އިންޑިޔާ އަށް ތަށި ހިފައިގެން ގައުމަށް ދެވޭ ގޮތެއްނުވި އެވެ. ސަބަބަކަށްވީ އޭސީސީގެ ރައީސް މޮހްސިން ނަގްވީގެ އަތްޕުޅުން ތަށި ލިބިގަންނަން އިންޑިޔާ ބޭނުންނުވުމެވެ.
ސަބަބެއް ކަމުގައި ބުނީ އޭނާ އަކީ ޕާކިސްތާން ސަރުކާރުގެ އިސް ވަޒީރަކަށް ވާތީ ކަމަށެވެ. މިހެންވެ ނަގްވީ އެންގެވީ އޭނާގެ އަތްޕުޅުން ތަށި ބޭނުންނުވާނަމަ ތަށި ނުދީ ރަސްމިއްޔާތު ނިންމާލުމަށެވެ. މިކަމާ ގުޅިގެން އިންޑިޔާއިން މިހާރު ވެސް ވަނީ ނަގްވީގެ މައްސަލަ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލަށް ހުށަހަޅާފަ އެވެ.
މީގެ އިތުރުން ޕާކިސްތާނުގެ ގައުމީ ޓީމުތަކަށް އިންޑިޔާގައި ބާއްވާ މުބާރާތްތަކުގައި ކުޅެން އެ ގައުމަށް އެތެރެވެވެނީ ވެސް ހަރުކަށި ގަވާއިދުތަކެއްގެ ތެރެއިން ދަތި އުނދަގޫތަކަކާއެކުގަ އެވެ.