ކުރިއަށް އޮތް 24 ގަޑިއިރު މޫސުން އެންމެ ގޯސްވާނީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ކަމަށް މޫސުމާ ބެހޭ ޤާއުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެއާއި ކައިރިން ސްރިލަންކާގެ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑަކާއި ގުޅިގެން ކުރަމުންދާ ވިއްސާރައެއްކަމަށެވެ. އެގޮތުން ކޮޅިގަނޑު މިހާރު މިވަނީ އިތުރަށް ބާރުގަދަވެފައިކަމަށާއި މި ކޮޅިގަނޑު އައުޓަރ ރެއިން ބޭންޑު ރާއްޖެމަތީގައި މިހާރު ވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ މި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވެގެންދާނެކަމަށް ލަފާކުރެވޭކަމަށާއި ކޮޅިގަނޑު ދަތުރުކުރަމުންދާނީ ރާއްޖެއާއި ދުރަށްކަމަށެވެ. ކޮޅިގަނޑު އިންޑިއާގެ އުތުރު ޓަމިލްނާޑޫ އައްސޭރި ފަށާ ދިމާއަށް ދަތުރު ކުރަމުންދާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. މިކޮޅިގަނޑުގެ އަސަރު ސީދާ ރާއްޖެއަށް ނުކުރިނަމަވެސް މި ކޮޅިގަނޑާ ގުޅިގެން ރާއްޖެއަށް ވިއްސާރަކުރާނެކަމަށް ވިދާޅުވިއެވެ.
މެޓް އޮފީހުން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ކުރިއަށް ލަފާކުރާގޮތް ހިއްސާކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ބޯކޮށް ވާރެވެހުމުގެ ފުރުސަތު ބޮޑީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ކަމަށް މެޓުން ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް ވިއްސާރަކުރުމާއެކު ޤުގުރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
އުތުރުގައި ވައި ޖެހެމުންދާނީ ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. އެހެންނަމަވެސް ބ. އަތޮޅުން ފެށިގެން ރާއްޖޭގެ ދެކުނާ ހަމައަށް ވައިގެ ބާރުމިން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ހުނާނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެގެން ދާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ މޫސުމާ ބެހޭ އިދާރާއިން ނެރޭ ސަމާލުތަކަށް ބަލައިގެން ދަތުރުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.