ޔޫރޮޕާ ލީގުގައި ރޭ ސްވިޒަލޭންޑްގެ ޔަންގް ބޯއިޒް އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ މޮޅުވެ ދެވަނަ ބުރުގެ އުންމީދު ބޮޑު ކޮށްފި އެވެ.
މި މެޗުން އެސްޓަން ވިލާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ފުރަތަމަ ބުރުގެ ލީގު ފޭސްގައި މިހާތަނަށް ކުޅުނު ފަސް މެޗުން ޖުމްލަ 12 ޕޮއިންޓް ހޯދައި ތާވަލުގެ ތިންވަނަ މަގާމް ހޯދާފަ އެވެ. އެއްވަނަ އާއި ދެވަނައިގައި އޮތް ލިއޯންގެ އިތުރުން މިޖިލެންޑް އަށްވެސް 12 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމުތަކަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
އެސްޓަން ވިލާގެ ވިލާ ޕާކުގައި ތިރީސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 27 ވަނަ މިނިޓުގައި ޔޫރީ ޓިއެލެމަންސް އަރިމަތިން ނަގައިދިން ހިރަހަކުން ޑޮންޔެލް މެލެން ވަނީ ލަނޑެއް ޖަހާ އެސްޓަން ވިލާއަށް ކުރި ހޯދަދީފަ އެވެ.
މި ލަނޑު ޖެހުމަށްފަހު މެލެން އުފާ ފާޅުކުރަމުންދިޔައިރު ޔަންގް ބޯއިޒްގެ ސަޕޯޓަރުން ވަނީ ދަނޑު މައްޗަށް އެއްޗިހި އުކާފަ އެވެ. އަދި މެލެން ގައިގައި ހުސް ފުޅިއަކުންވެސް ވަނީ ޖެހިފަ އެވެ.
އެސްޓަން ވިލާ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް މެލެން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މެޗުގެ ދެވަނަ ހާފުގައި ޔަންގް ބޯޢިޒް އިން އެ ޓީމުގެ ކުޅުން ރަގަޅު ކުރުމަށްފަހު ވަނީ އެސްޓަން ވިލާގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ.
ޔަންގް ބޯއިޒްގެ ފޯވަޑް ކްރިސް ބެޑިއާ ލަނޑެއް ޖެހި ނަމަވެސް ގިނައިރުތަކެއް ވަންދެން ވީޑިއޯ އެސިސްޓެންޓް ރެފްރީ ބެލުމަށްފަހު ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
މި މެޗުގައި ޔަންގް ބޯއިޒް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 90 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޮއެލް މޮންޓެއިރޯ އެވެ.
މި މެޗުން އެސްޓަން ވިލާ މޮޅުވެފައިވާއިރު މިއީ އަމިއްލަ ދަނޑުގައި އެ ޓީމުން ޖެހިޖެހިގެން މޮޅުވި ހަތްވަނަ މެޗެވެ.