ޚަބަރު

ތުޅާދޫ ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ މަސައްކަތާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހަވާލުވެއްޖެ


  • އެރަށުގައި 100 ހައުސިންގ ޔުނިޓު ވަނީ ތަރައްޤީކޮށްފައި

  • މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި ހިމެނޭ

ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ މައްސަލަ ބޮޑުވުމުން، ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ މަސައްކަތް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ގޮތަށް ނިންމައިފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ވާގޮތުން މިދިޔަ ސަރުކާރުގެ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކަނޑައެޅި އުސޫލާ އެއްގޮތަށް ހައުސިންގ ޔުނިޓު ބޭނުންވާ މީހުންނަށް ހުޅުވާލައި، ފޯމުތައް އިވެލުއޭޓު ކުރުމާއި ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ ހުރިހާ ކަމެއް ހަވާލުކުރީ ތުޅާދޫ ކައުންސިލާއެވެ.

ނަމަވެސް 100 ހައުސިންގ ޔުނިޓު ދޫކުރުމަށް ކަނޑައެޅި އުސޫލަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅައި އަދި އިސްލާހުކުރި އުސޫލަށް ބިނާކޮށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު ތުޅާދޫ ކައުންސިލް އިދާރާއިން ޝާއިއުކުރި ވަގުތީ ލިސްޓަކީވެސް ބާތިލު ލިސްޓެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް މީހަކު މައްސަލައެއް ހުށަހެޅިއެވެ.

އެ މައްސަލައިގައި ކޯޓުން ހުކުމްކޮށްފައި ވަނީ ހައުސިންގ ޔުނިޓް ދޫކުރުމާ ގުޅޭގޮތުން ކުރިން އާންމު ކޮށްފައިވާ އުސޫލަށް ގެނެސްފައިވަނީ ޝަރުއީ އަދި ޤާނޫނާ ޚިލާފު ބަދަލެއް ކަމަށް ވާތީ ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ދިން ލަފާ އަދި 2022 ވަނަ ދުވަހު އާންމުކުރި އުޞޫލަށް ޢަމަލުކުރުމަށެވެ. ނަމަވެސް އޭގެ ފަހުންވެސް އެކި މައްސަލަތަކާ ހެދި ހައުސިންގ ޔުނިޓުތައް ދޫކުރެވޭ ގޮތެއް ނުވެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ވީ އެންމެ އަވަސް ފުރުޞަތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުންކަމަށެވެ. އަދި އެ ވުޒާރާގެ އަމާޒަކީ ވީ އެންމެ އަވަސް ފުރުޞަތެއްގައި ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު، ޙައްޤުވެރިންނަށް ޙަވާލުކުރުން ކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ތުޅާދޫ ކައުންސިލުން އިޢުލާނުކޮށްފައިވާ ދާއިމީ ލިސްޓު ބާޠިލުކުރުމަށްފަހު، 11 މެއި 2022 ވަނަ ދުވަހު ޢާންމުކޮށްފައިވާ އުޞޫލާއި އަދި ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ރިޢާޔަތްކުރުމަށް އަންގާފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ފޯމުތައް ރީ-އިވެލުއޭޓްކުރުމަށްފަހު އަންގައިދިނުމަށް ތުޅާދޫ ކައުންސިލްގެ އިދާރާގައި އެދިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ކައުންސިލް އިދާރާއިން މި މައްސަލަ އަވަހަށް ޙައްލުކުރުމަށްޓަކައި އެއްބާރުލުން ދީފައިނުވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މައްސަލައެއް އެއްވެސް ޙައްލެއް ތުޅާދޫ ކައުންސިލުގެ އިދާރާއިން ހުށަހަޅާފައިނުވާކަމާއި އުޞޫލާ ޚިލާފަށް ފޯމުތައް އިވެލުއޭޓްކޮށްފައިވުމުގެ ސަބަބުން، ހައުސިންގ ޔުނިޓުތައް އެއްވެސް ފަރާތަކަށް ދޫނުކުރެވި ލަސްވާ ލަސްވުމަކީ ސަރުކާރުގެ އަމާޒަށާއި، ސިޔާސަތު ތަންފީޒުުކުރުމަށް އެޅޭ ހުރަހެއްކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މީގެ އިތުރުން، އެ ޔުނިޓުތައް ލިބެންޖެހޭ ފަރާތްތަކުގެ ޙައްޤު ގެއްލިގެން ދާނެ ކަމެއްކަމާއި، ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތައް ބޭނުންނުކުރެވި ގިނަ ދުވަސްވާނަމަ ޢިމާރާތަށް ގެއްލުންލިބި އެތަނުގައި ހުރި ތަކެތި ހަލާކުވުމުގެ މައްސަލަތައް ދިމާވުމާއި އޭގެ ސަބަބުން ޔުނިޓުތައް ޙަވާލުކުރުމުގެ ކުރިން ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމަށްވެސް ގިނަ ޚަރަދުތަކެއް ހިނގާނެ ކަމާއި، އެއީ ދައުލަތަށް ލިބެމުންދާ އިޢާދަނުކުރެވޭނެ ފަދަ ގެއްލުމެއްކަން ވުޒާރާއިން ފާހަގަކުރައްވައެވެ.

އެހެންކަމުން އެ ވުޒާރާއިން މިހާރު ވަނީ "ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލު" ގެ ދަށުން ހައުސިންގ ޔުނިޓުގެ ބެނިފިޝަރީން ކަނޑައެޅުމަށްޓަކައި ތުޅާދޫ ކައުންސިލާ ހަވާލުކޮށްފައިވާ ޒިންމާއާއި، މަސްއޫލިއްޔަތްތަކާއި އަދި އެންމެހާ މަސައްކަތްތައް ނިމުމަކަށް ގެނެސްފައެވެ.

މި ހައުސިންގ ޔުނިޓު ދޫކުރުމުގެ މަސައްކަތްތައް ދެން ކުރިއަށްގެންދާނީ އެ ވުޒާރާއިން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ އުސޫލާ އެއްގޮތަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައިކަމަށާއި ފޯމުތައް އިވެލުއޭޓްކުރުމާއި، ހައުސިންގ ޔުނިޓުތައް ޙަވާލުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށްގެންދާނީ އެ ވުޒާރާއިންނެވެ. މިކަމާގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެ ވުޒާރާއިން ފަށާފައިވާކަމަށްވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުން ތުޅާދޫގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ޕްރިސިޝަން އިންޖިނިއަރިން ސާވިސަސްއާ އޭރު ހަވާލުކުރީ ޖުލައި 2019 ގައެވެ. އެ މަސައްކަތް ހަވާލުކުރީ 79.6 މިލިޔަން ރުފިޔާއަށެވެ.

އެ ރަށުގައި އިމާރާތް ކުރީ 1،100 އަކަފޫޓުގެ ހަައުސިން ޔުނިޓްތަކެކެވެ. އެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާހަނާއާއި ސިޓިން ރޫމަކާއި ބަދިގެއަކާއި ސްޓޯރޫމެއްގެ އިތުރުން ލޯންޑްރީ އަށް ޚާއްސަ ބައެއް ހުރެއެވެ.