ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. (23 ނޮވެންބަރު) އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށަށް ވަޑައިގަތީ ނިމުނު ހަފުތާގެ އާދިއްތަ ދުވަހުއެވެ. މި ދަތުރުފުޅުގެ ތެރެއިން ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ފީފާ ފެންވަރުގެ ދަނޑެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ. އަދި ވިލިމާލޭގައި ތަރައްޤީކުރާ 300 ހައުސިން ޔުނިޓު ޚާއްސަވާނީ އެ ރަށުގެ ރައްޔިތުންނަށް ކަމަށާއި އެ ރަށުގައި ހޮސްޕިޓަލެއް ތަރައްޤީކޮށްދޭނެކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ. އަދި އަންނަ އަހަރު ވިލިމާލޭގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
(25 ނޮވެންބަރު) ރައީސުލްޖުމްހޫރިއްޔާއާ ގުޅުންހުރި ޚަބަރުތަކަށް ބަލާލާއިރު، ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރަށް މާލޭގެ މައްޗަންގޮޅި އަވަށުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވީ ނިމުނު އަންގާރަ ދުވަހުއެވެ. މި ބައްދަލުކުރެއްވުމުގައި ޢަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި ޕާކިން ޒޯނަކާއެކު ޕާކެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ މާރޗު މަހުގެ ނިޔަލަށް ރަސްމާލެ ހިއްކާ ނިމެނޭކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން ދަފުތަރުވާ ޓެކްސީ ޑްރައިވަރުންނަށް ސަރުކާރުގެ ހައުސިން ސްކީމުން ފުރުސަތު ލިބޭނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
(27 ނޮވެންބަރު) މީގެ އިތުރުން ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް"އަށް ބަދަލުކުރި ޚަބަރަކީވެސް ނިމުނު ހަފުތާގައި ފާހަގަކޮށްލެވޭ ޚަބަރެކެވެ.
ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، (23 ނޮވެންބަރު) ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އިސްތިއުފާދެއްވި ޚަބަރު ފާހަގަކޮށްލެވެއެވެ. (23 ނޮވެންބަރު) އަދި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ކުރީގެ މެމްބަރު ޖަމީލު ޢުޘްމާން އައްޔަންކުރައްވާފައިވާއިރު، (24 ނޮވެންބަރު) އަންނަ އަހަރުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޟް އިސްމާޢިލް ޕާޓީގެ ޗެއަރޕާސަންގެ މަޤާމުން އިސްތިއުފާދެއްވީވެސް ނިމުނު ހަފުތާގައެވެ.
ނިމުނު ހަފުތާގައި މަޖިލީހުގަިއ ހިނގާދިޔަ މުހިންމު ކަންތައްތަކަށް ބަލާލާއިރު، (25 ނޮވެންބަރު) އަތޮޅު ކައުންސިލް އުވާލަން ހުށަހެޅި އިސްލާޙު މަޖިލީހުން ފާސްކުރި ޚަބަރު ފާހަގަކޮށްލެވެއެވެ. (25 ނޮވެންބަރު) އަދި އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރީވެސް ނިމުނު އަންގާރަ ދުވަހުއެވެ. (25 ނޮވެންބަރު) މީގެ އިތުރުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކުރަން ނަން ފޮނުވި 5 ބޭފުޅުންނަށް މަޖިލީހުން ރުހުންދީފައިވާއިރު، (27 ނޮވެންބަރު) ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ކުރީގެ ނައިބުންނަށް ޢިނާޔަތް ދޭން ހުށައެޅި އިސްލާހާއި ކައުންސިލަރުންގެ އަދަދު މަދުކުރަން ހުށައެޅި އިސްލާހު ފާސްކުރީވެސް ނިމުނު ހަފުތާގައެވެ.
(25 ނޮވެންބަރު) ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ އެހެން ޚަބަރުތަކަށް ބަލާލާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ލީގަލް އެފެއާރޒް މިނިސްޓަރ ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް ކުރި ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ނިންމެވި ޚަބަރު ފާހަގަކޮށްލެވެއެވެ. (26 ނޮވެންބަރު) އަދި ކްރިމިނަލް ކޯޓުގެ ޤާޟީ ފާއިޒް ރަޝާދު މަޤާމުން ވަކިކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމެވީވެސް ނިމުނު ހަފުތާގައެވެ.
ނިމުނު ހަފުތާގައި އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، (22 ނޮވެންބަރު) ފާއިތުވި 3 އަހަރު ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން 24 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ހާމަކުރި ޚަބަރު ފާހަގަކޮށްލެވެއެވެ. (22 ނޮވެންބަރު) އަދި އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް 114.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަކުރައްވާފައިވާއިރު، މާލޭގައި އަލަށް ހުޅުވި ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން ޚިދުމަތް ދޭން ފެށި ޚަބަރުވެސް ފާހަގަކޮށްލެވެއެވެ. (22 ނޮވެންބަރު) އަދި ހއ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ މަސައްކަތް ފަށާފައިވާއިރު، (23 ނޮވެންބަރު) ޕީއެސްއެމް މީޑިއާ ފެލޯޝިޕް ޕްރޮގުރާމްގެ ދަށުން 15 ޒުވާނަކަށް މަސައްކަތްކުރުމުގެ ފުރުޞަތުދިނީ ވެސް ނިމުނު ހަފުތާގައެވެ.
(23 ނޮވެންބަރު) ހަމައެއާއެކު އިލެކްޓްރޯނިކް ވިޒާގެ ނިޒާމަށް މޯލްޑިވްސ ްއިމިގްރޭޝަނުން ޢަމަލުކުރަން ފަށާފައިވާއިރު، ވިލިމާލޭގައި 850 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ފިޔަ ފައުންޑޭޝަނާ ހަވާލުކުރި ޚަބަރު ވެސް ފާހަގަކޮށްލެވެއެވެ. (25 ނޮވެންބަރު) އަދި ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ބޮސްކާލިސްގެ ޑްރެޖަރު ރާއްޖެއަށް އައިސްފައިވާއިރު، (26 ނޮވެންބަރު) ހުޅުމާލޭގައި ޤާއިމުކުރާ "ދާރުއްސަލާމް" ވަޤުފް ޢިމާރާތުގެ ބިންގާ އެޅީ ވެސް ނިމުނު ހަފުތާގައެވެ. (27 ނޮވެންބަރު) އަދި ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރީ ވެސް ނިމުނު ބުރާސްފަތި ދުވަހުއެވެ. (28 ނޮވެންބަރު) އަދި ދިއްދޫގައި ތަރައްޤީކުރި އިސްލާމީ މަރުކަޒު ހުޅުވި ޚަބަރު ވެސް ފާހަގަކޮށްލެވެއެވެ.
މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް އިޤުތިޞާދާއި ވިޔަފާރިއާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ގިނަ ޚަބަރުތަކެއް ފާހަގަކޮށްލެވެއެވެ.