ޚަބަރު

ޗައިނާގެ ހިލޭ އެހީގައި ތަރައްޤީކުރާ 50 ކައުންސިލްގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށަނީ


  • މި މަސައްކަތް ކުރުމަށް ޗައިނާގެ ޓީމަކުން ވަނީ ދިރާސާއެއް ހަދާފައި

  • ފަންޑްކުރަނީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީން

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ކައުންސިލް އިމާރާތްތަކުގެ މަސައްކަތް މި ފެށޭ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި 50 ކައުންސިލް އިދާރާއެއްގެ ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުގެ ނައިބު ޔާމިން ޢަބްދުވައްހާބު ވިދާޅުވީ ޗައިނާގެ ސަރުކާރުގެ އެހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

އެގޮތުން މި މަސައްކަތް ފެށުމަށްޓަކައި ވޭތުވެ ދިޔަ 3 މަސްދުވަހުގެ ތެރޭގައި ގިނަ ރަށްތަކެއްގައި ދިރާސާ ކޮށްފައިވާކަމަށެވެ. އަދި އެ ދިރާސާއިން ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓާއެކު މިހާރު އެ ޓީމުން އެނބުރި ޤައުމަށް ގޮސް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޔާމިން ޢަބްދުވައްހާބު ވިދާޅުވީ ޗައިނާގެ އެހީގައި ތަރައްޤީކުރާ ކައުންސިލް އިމާރާތްތައްވެސް ވާނީ ފެންވަރު ރަނގަޅު ރާއްޖެއާ ގުޅޭ އިމާރާތްތަކަކަށް ކަމަށެވެ.

"ޑިޒައިންތަކާ ހަމައަށް ގެންދިުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ނިންމާފައި. އަންނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި މަސައްކަތް ފެށޭނެ. މިހާރު އަޅާ އިމާރަތްތައްކަށްވުރެ ފެންވަރު ރަނގަޅުވާނެކަމަށް.
ޗައިނާގެ އެހީގައި ތަރައްޤިކުރާ ކައުންސިލް އިމްރާތްތައްވެސް ރާއްޖެއާ ގުޅޭގޮތަށް ފަރުމާކުރާނީ." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުގެ ނައިބު ޔާމިން ޢަބްދުވައްހާބު ވިދާޅުވިއެވެ.

ޗައިނާގެ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުގައި 50 ކައުންސިލެއް ތަރައްޤީކުރުމަށް ނިންމާފައިވާއިރު މިއީ ޕްރީ-ފެބްރިކޭޓެޑް އިމާރާތްތަކެކެވެ.

މި މަޝްރޫޢަށް ފަންޑްކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ، ސިޑްކާގެ ފަރާތުންނެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އައު ކައުންސިލް އިދާރާތައް އެޅުމަށް ހަމަޖެހިފައިވާ ރަށްރަށް މިހާރު ވަނީ ކަނޑައަޅާފައެވެ.

ޗައިނާގެ އެހީގެ އިތުރުން އާރްސީސީއާ ހަވާލުކޮށްގެން 55 ކައުންސިލެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މި ކައުންސިލް އިމާރާތްތައް އަންނަ އަހަރުގެ އަންނަ އަހަރުގެ ޖުލައި މަހާ ހަމައަށް ނިންމާލުމަށްވަނީ އަމާޒު ހިފާފައެވެ. މިއާއެކު އަންނަ އަހަރު ނިމޭއިރު %75 ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ނިންމައި، ޚިދުމަތްތައް ބަދަލުކުރެވޭނެއެވެ. ކައުންސިލްތައް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން ތަރައްޤީކުރަނީ 1 ފަންގިފިލާއަށް އަދި 2 ފަންގިފިލާގެ އިމާރާތްތަކެކެވެ.