ޚަބަރު

ސްރީ ލަންކާގައި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް، ތޫފާނުގައި 355 މީހުން މަރުވި


ދެކުނު އޭޝިޔާ ސަރަޙައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން، ދިތުވާގެ ސަބަބުން ސްރީ ލަންކާގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ، އެތަކެއް ސަތޭކަ ހާސް ބަޔަކު ހާލުގައި ޖެހިފައިވާއިރު، އެ ޤައުމުގައި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިތުރު ތަކުލީފުތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެ ޤައުމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދަކަށް ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާއިރު، ފެންބޮޑުވުމާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 355ށް އުފުލިފައެވެ.

ސްރީ ލަންކާގެ ނޫސްތަކުން ބުނީ، އެ ޤައުމުގައި ވިއްކާ ތަރުކާރީގެ ބާވަތްތަކުގެ އަގުތައް ތިންގުނައަށް އުފުލިފައިވާ ކަމުގައެވެ. އަދި، މަހުގެ ބާވަތްތަކުގެ އަގުތައް ދެގުނައަށް މައްޗަށް ޖެހިފައިވާ ކަމުގައެވެ. ތަކެތީގެ އަގުތައް އުފުލުމަށް މެދުވެރިވެފައިވާ އެންމެ ބޮޑު ސަބަބަކީ، ފެންބޮޑުވުމާ ގުޅިގެން ބާޒާރުތަކާއި މާރުކޭޓުތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރަސް އެޅުމެވެ. މީގެ އިތުރުން، ޕާލިޔެގޮޑައާއި ދަމްބުއްލައިގެ މާރުކޭޓުތަކާއި ފިހަރާތަކުން ގިނަ ބާވަތްތަކުގެ ކާބޯތަކެތި ހުސްވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ޕާލިޔެގޮޑައިގެ މައި ތަރުކާރީ މާރުކޭޓުގެ އަގުތަކަށް ބަލައިލާއިރު ކެރެޓު ކިލޯއެއްގެ އަގު ވަނީ 4.87 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. އަދި، ބީންސް ކިލޯއެއްގެ އަގު 4.22 އެމެރިކާ ޑޮލަރަށް އުފުލިފައިވާއިރު، ލީކްސް ކިލޯއެއްގެ އަގު ވަނީ 3.90 އެމެރިކާ ޑޮލަރަށް މައްޗަށް ޖެހިލާފައެވެ. ކެބެޖު ކިލޯއެއްގެ އަގު މި ވަގުތު ހުރީ 3.25 އެމެރިކާ ޑޮލަރުގައެވެ.

މީގެ އިތުރުން ބަރަބޮލާއި ބަށީގެ އަގުތައް ވެސް ވަނީ އުފުލިފައެވެ. މި ގޮތުން، ބަރަބޯ ކިލޯއެއް މިހާރު ލިބެން ހުރީ 1.95 އެމެރިކާ ޑޮލަރަށެވެ. އަދި، ބަށި ކިލޯއެއްގެ އަގު ވަނީ 2.92 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. މިރުސް ކިލޯއެއްގެ އަގު ހުރީ 4.87 އެމެރިކާ ޑޮލަރުގައެވެ. ތޫފާނާ ގުޅިގެން ކުރިމަތިވި ހާދިސާގައި މަހުގެ އަގުތައް ވެސް އިންތިހާއަށް އުފުލިފައިވާއިރު، ވިޔަފާރިވެރިން ބުނީ، މަހުގެ އަގުތައް ދެގުނައަށް ބޮޑުވެފައި ވަނީ ކަނޑުތައް ގަދަވެ، މަސްވެރިކަން ކުރުމަށް ހުރަސް އެޅުމުން ކަމުގައެވެ.

ސްރީ ލަންކާގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، ތޫފާނާ ގުޅިގެން ކުރިމަތިިވި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވެސް އުފުލިފައިވާ ކަމުގައެވެ. މި ގޮތުން، މަރުވެފައިވާ މީހުންގެ އަދަދު 355އަށް އުފުލިފައިވާއިރު، އިތުރު 366 މީހުން ގެއްލިފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ. ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާގައި 1.1 މިލިޔަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރޭގައި 309,607 ޢާއިލާއަކަށް ނިސްބަތްވާ މީހުން ހިމެނޭއިރު، 180,000އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ. ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ތޫފާން ދިތުވާގެ ބާރު ކެނޑެމުންދާ ކަމަށާއި، މި ވަގުތު އެ ތޫފާން ދަތުރު ކުރަމުން ދަނީ ސްރީ ލަންކާގެ އުތުރަށް ކަމުގައެވެ. މި ވަގުތު އެ ތޫފާން އޮތީ ބޭ އޮފް ބެންގާލް ކަނޑުގެ ސަރަޙައްދުގައެވެ.