ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު މަޤާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީ ޙުސައިން ފާއިޒު ރަޝާދު މަޤާމުން ވަކިކުރެއްވުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ، މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.
ފަނޑިޔާރުކަމުން ފާއިޒު ރަޝާދު ވަކިކުރެއްވުމަށް ޖޭއެސްސީން ހުށައެޅި މައްސަލަ ދިރާސާ ކުރެއްވުމަށްފަހު ޖުޑިޝަރީ ކޮމިޓީން ފާސްކުރެއްވީ، އެ މައްސަލާގައި އިޖުރާޢީ ގޮތުން އެއްވެސް މައްސަލައެއް ނެތްކަމަށް ފާހަގަވެފައިވާތީ މައްސަލަ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރިޕޯޓުގައި އޮތްގޮތުގެ މަތިން ގޮތެއް ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. އެހެންކަމުން ޖޭއެސްސީން ހުށައަޅާފައިވާ ގޮތަށް ފާއިޒު ފަނޑިޔާރުކަމުން ވަކިކުރެއްވުމަށް ފާސްވީ، 56 މެންބަރުންގެ ވޯޓުންނެވެ. ފާއިޒު ވަކިކުރެއްވުމާ ދެކޮޅަށް 8 މެންބަރަކު ވޯޓު ދެއްވިއެވެ. އެހެންކަމުން ފާއިޒު ވަނީ މަޤާމުން ވަކިވެފައެވެ.
ޤާޟީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް އެދި ޖޭއެސްސީން ހުށައެޅި ސިޓީގައިވަނީ، ސ. ހިތަދޫ، ކޯޒީކޯނާ، ޢަލީ އަންވަރުގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމުގައި ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް ޤާޟީ ޙުސައިން ފާއިޒު ރަޝާދު ޢަމަލުކޮށްފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ، ޤާޟީގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކޮށް، މި މައްސަލާގައި ތުހުމަތުކޮށްފައިވާ ޢަމަލެއް ޤާޟީ ފާއިޒު ކޮށްފައިވާކަމަށް ސާބިތުވެފައިވާކަން ފާހަގަކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޤާޟީ ފާއިޒު ރަޝާދުގެ އަމުރަށް ބަންދުން ދޫކޮށްލި ޢަލީ އަންވަރަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް އުޅޭކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ. މީގެ ކުރިން ފުލުހުން ވަނީ، 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށްފައެވެ. އޭގެފަހުން ފެންމަތިވި އިތުރު މައްސަލައެއްގައި 5 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރު ކުރުމަށްފަހު، މުއްދަތު ހަމަވާތީ އަނެއްކާވެސް އޭނާ ކޯޓަށް ޙާޟިރު ކުރުމުން އެއްވެސް ޝަރުތަކާ ނުލައި ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީ ހުސައިން ފާއިޒު ރަޝާދާއި ގުޅޭގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީއަށް ދެ މައްސަލައެއް ހުށައެޅުނެވެ. މިކަމާއި ގުޅިގެން މިދިޔަ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ، ސަސްޕެންޑްވެސް ކޮށްފައެވެ. އެނގިފައިވާ ގޮތުގައި ޤާޟީ ފާއިޒާއި ގުޅޭގޮތުން ހުށައެޅުނު 2 ވަނަ މައްސަލައަކީ، މަރުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާއި މެދު ޢަމަލުކުރި ގޮތާއި މެދު ހުށަހެޅި މައްސަލައެކެވެ.
މި މައްސަލަތަކާއި ގުޅިގެން ޤާޟީ ފާއިޒު އޭރު ސަސްޕެންޑް ކުރީ، ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2021 ވަނަ އަހަރުވެސް ޤާޟީ ފާއިޒު ރަޝާދު ވަނީ، 2 މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ. އޭރު ފާއިޒު ސަސްޕެންޑް ކުރީ، އޯޑިއޯއެއް ލީކުވި މައްސަލާގައެވެ. ނަމަވެސް އެ އަހަރުގެ ޑިސެންބަރު 26ގައި ސަސްޕެންޝަން އުވާލިއެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުން ފަނޑިޔާރަކު ވަކިކުރެވޭނީ، ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ނުވަތަ އެ މަޤާމަށް އެކަށީގެންނުވާ ފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.