ޚަބަރު

ދުނިޔޭގެ ފިއްތުންތައް ބޮޑުވެ، ޣައްޒާގެ ރައްޔިތުން ބޭސްފަރުވާކުރަން މިޞްރަށް ދެވޭ ގޮތަށް ރަފަޙް ހުރަސް ހުޅުވާލަނީ


ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ ދެ މިލިޔަނެއްހާ މީހުންނަށް ކޮންމެހެން ބޭނުންޖެހިފައިވާ ބޭސްފަރުވާ ހޯދުމަށް މިޞްރަށް ދެވޭ ގޮތަށް ރަފަޙް ހުރަސް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ޔަހޫދީންގެ ނިރުބަވެރު އަސްކަރިއްޔާއިން ބުނެފިއެވެ.

ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަސް އޮންނަނީ ރަފަޙުގައެވެ. ނަމަވެސް، ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ވަނީ ދެ ފަޅިން ވެސް ޣައްޒާއަށް އެތެރެވުމާއި ބޭރުނުވެވޭ ގޮތަށް އެ ހުރަސް ބަންދުކޮށްފައެވެ.

ނަމަވެސް، ދުނިޔޭގެ ފިއްތުންތައް ބޮޑުވެ، ޔަހޫދީންނަށް އިތުރު ގޮތެއް ނެތިގެން، ރަފަޙް ހުރަސް ހުޅުވާލާނީ މިޞްރާ ގުޅިގެން، އަދި ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫއިން މި އިންތިޒާމް ގާތުން ބަލާ ގޮތަށެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ދެ އަހަރު ދުވަހަށް ފަހު މެދުކަނޑައިލާފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.

ރަފަޙް ހުރަސް އެއްވެސް ހިފެހެއްޓުމެއްނެތި ހުޅުވާލުމަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުށަހަޅުއްވާފައިވާ މި އެއްބަސްވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ މުޙިންމު ޝަރުތެކެވެ. ނަމަވެސް، މިހާތަނަށް ޔަހޫދީން ވަނީ ރަފަޙް ހުރަސް ހުޅުވައިލަން ތަކުރާރުކޮށް ދެކޮޅު ހަދައިފައެވެ.