ޚަބަރު

ޞިއްޙީ ދާއިރާގެ ކުނި މެނޭޖްކުރާނެ ވަޞީލަތް 21 ރަށެއްގައި ޤާއިމުކޮށްފި


  • ޞިއްޙީ ދާއިރާގެ ކުނި ރައްކާތެރިގޮތުގައި މެނޭޖްކުރާނެ ވަޞީލަތްތައް މީގެތެރޭގައި ހިމެނޭ

  • އަދި ޞިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ އެހެން ވަޞީލަތްތައްވެސް ފޯރުކޮށްދީފައިވޭ

ޞިއްޙީ ދާއިރާއިން އުފައްދާ ކުނި މެނޭޖްކުރުމުގެ ނިޒާމު ރާއްޖޭގެ 21 ރަށެއްގައި ޤާއިމުކޮށްފިއެވެ. ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންޑީޕީން ހިންގާ މަޝްރޫޢެއްގެ މަސައްކަތް ނިމުމުގެ ރަސްމިއްޔާތު ކ.ދިއްފުށީގައި މިދިޔަ ބުދަދުވަހުވަނީ ބާއްވާފައެވެ.

ޖަޕާން ސަރުކާރުގެ އެހީގައި 2022 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރަށް ސައުތު ވެސްޓް އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގައި ޔޫއެންޑީޕީންދަނީ ޞިއްޙީ ދާއިރާގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރާނެ ވަޞީލަތްތައް ޤާއިމުކޮށްދިނުމުގެ މަޝްރޫޢުތައް ހިންގަމުންނެވެ. 4.4 މިލިޔަން ޑޮލަރުގެ މިމަޝްރޫޢުގެ ދަށުން ރާއްޖޭގައިވެސް މުހިންމު އެކި ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެގޮތުން ޞިއްޙީ ދާއިރާގައި އުފައްދާ ކުނި ރައްކާތެރިގޮތުގައި މެނޭޖްކޮށް، އިންސާނުންނާއި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ 21 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ކުނި މެނޭޖްކުރާ ފެސިލިޓީވަނީ ޤާއިމުކޮށްފައެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމި ޔޫއެންޑީޕީގެ ފަރާތުންވަނީ ދިވެހި ސަރުކާރާއި މިތަންތަން ހަވާލުކުރައްވާފައެވެ. ކ.ދިއްފުށީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މިފަދަ އެހީތަކާއެކު ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާވެގެންދާނެކަމަށެވެ.

"މިއިންވެސްޓްމަންޓްތަކާއެކު ޞިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާކުރެވި، ވަށައިގެންވާ މާޙައުލުގެ ރައްކާތެރިކަން ކަށަވަރުކުރެވި، މުޅި ރާއްޖޭގައި ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދެވޭނެ." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައިވަނީ ޞިއްޙީ ދާއިރާގެ ކުނިމެނޭޖް ކުރުމަށް ޚާއްސަ ކުރެވިފައިވާ އިމާރާތްތަކާއި، ސާފު ހަކަތައިގެ އުޅަނދުތަކާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމަށް ބޭނުންކުރާ ތަކެތި ރަސްމީކޮށް ހަވާލުކޮށްފައެވެ. މިމަޝްރޫޢުގެ ތެރެއިން އިތުރު ބައެއް ޚިދުމަތްތައް ޤާއިމުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. އެގޮތުން ކ.ދިއްފުއްޓާއެކު ރާއްޖޭގެ 21 ރަށެއްގައި ޞިއްޙީ ދާއިރާގެ ކުނި މެނޭޖްކުރާ ތަންތަން ހަދާފައިވާކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

މީގެއިތުރުން ކުނި އުފުލުމަށްޓަކައި 65 އިލެކްޓްރިކް ޓްރައިސައިކަލްވެސްވަނީ ހަވާލުކޮށްފައެވެ. އަދި ކުނި މެނޭޖްކުރާ ނިޒާމު ވަރުގަދަ ކުރުމަށް 270 ކޮމްޕިއުޓަރ ސިސްޓަމާއި 40 ނެޓްވޯކް ސްވިޗް ހިމެނޭހެން ޑިޖިޓަލް އަޕްގްރޭޑްތައްވަނީ ފޯރުކޮށްދީފައެވެ. މީގެއިތުރުން އީސީޖީ މެޝިނާއި އޮޓޯކްލޭވް މެޝިންތައްވެސް އެކި ރަށްރަށަށްވަނީ ފޯރުކޮށްދީފައެވެ.

އަދި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން 656 ޞިއްޙީ މަސައްކަތްތެރިންވަނީ ތަމްރީންކޮށްފައެވެ.