ޚަބަރު

ޙަސީނާގެ ސަރުކާރު ވައްޓައިލި ޒުވާނުންގެ ސިޔާސީ ކުރިމަގު ފަނޑު، ޢާންމުންގެ ތާޢީދެއް ނެތް


ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރު ވައްޓައިލުމުގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނުން އިސްވެ އުދެއްފި ސިޔާސީ ޕާޓީ، ނޭޝަނަލް ސިޓިޒެން ޕާޓީ (އެންސީޕީ)ގެ ސިޔާސީ ކުރިމަގު އޮތީ ފަނޑުކޮށް ކަން ދާދިފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ހާމަވެއްޖެއެވެ. ޙަސީނާގެ ސަރުކާރު ވައްޓައިލާފައި ވަނީ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމަށް ޒުވާނުން އިސްވެ ފެށި މުޒާހަރާއެއްގެ ތެރެއިންނެވެ. މުޒާހަރާ ކޮންޓުރޯލު ކުރުމަށް ޙަސީނާގެ ސަރުކާރުން ވަނީ ފުލުހުން މެދުވެރިކޮށް، ބާރުގެ ބޭނުން ކޮށްފައެވެ. އެ ހަމަނުޖެހުންގަނޑުގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން މަރުވިއެވެ.

ޙަސީނާގެ ސަރުކާރާ ދެކޮޅު މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި އެންސީޕީގެ އިސް އޮފިޝަލެއް ކަމުގައިވާ ނާހިދް އިސްލާމް ބުނީ، ސިޔާސީ މައިދާނުގައި އެ ޕާޓީއަށް އޮތް ތާޢީދު ފަނޑުކަން ޤަބޫލު ކުރާ ކަމުގައެވެ. އޭނާ ބުނީ، ޕާޓީގެ ކުރިމަގު ފަނޑުކޮށް ފެންނަމުން ދަނީ، އެ ޕާޓީ ކުރިއަރުވައި، ތާޢީދު ފުޅާ ކުރުމަށް މަސައްކަތް ކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައި ނެތުމުން ކަމުގައެވެ. އަންނަ އަހަރުގެ ފެބްރުވަރީ މަހު ބަންގްލަދޭޝްގައި ޢާންމު އިންތިޚާބެއް ބޭއްވުމަށް ތާވަލު ކޮށްފައިވާއިރު، ޤާނޫނު ހަދާ މަޖިލީހުގެ 300 ދާއިރާއަށް ވާދަ ކުރުމަށް އެންސީޕީން އޮތީ ނިންމާފައެވެ.

27 އަހަރުގެ އިސްލާމް ބުނީ، ޕާޓީއަށް ބޮޑު ތާޢީދެއް ނެތް ނަމަވެސް، އިންތިޚާބުގައި ވާދަ ކުރުމަށް ނިންމާފައިވާ ކަމުގައެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ފެންނަ ގޮތުގައި އިންތިޚާބުގައި އެންސީޕީއަށް ތާޢީދު ކުރުމަށް ނިންމާފައި ވަނީ ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ %6އެވެ. ކުރީގައި އޮންނާނެ ކަމަށް ބެލެވެނީ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)އެވެ.

ބީއެންޕީއަށް ތާޢީދު ކުރާނެ ކަމުގައި ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން %30 މީހުން ބުނެފައިވާއިރު، ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ތާޢީދު ކުރަނީ ޖަމާޢަތު އަލް-އިސްލާމީއެވެ. އެ ޕާޓީއަށް ތާޢީދު ކުރާނެ ކަމުގައި ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން %26 މީހުން ބުންޏެވެ. އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ޙަސީނާގެ އަވާމީ ލީގަށް ނުދިނުމަށް ބަންގްލަދޭޝްގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން އޮތީ ނިންމާފައެވެ. އެ ނިންމުން ބަދަލު ނުކޮށްފި ނަމަ ހަމަނުޖެހުން ހިންގާނެ ކަމުގެ އިންޒާރު އެ ޕާޓީން ވަނީ ދީފައެވެ.