އިންޑިޔާގެ މަޝްހޫރު އެއާލައިން، އިންޑިގޯގެ ޕައިލެޓުންނާ ގުޅިގެން ދިމާވެފައިވާ މައްސަލަ ފަސް ވަނަ ދުވަހަށް ދިގުދެމިގެންގޮސްފައިވާއިރު، އިންޑިޔާގެ ގިނަ ވައިގެ ބަނދަރުތަކުގައި އެތައް ހާސް ފަސިންޖަރުން ތާށިވެފައިވާތީ، ޓިކެޓުގެ އަގު ބޮޑުވުން ހުއްޓުވުމަށް، އިންޑިޔާގެ ސަރުކާރުން ޓިކެޓުގެ އަގުތައް ހިފަހައްޓައިފިއެވެ.
މި މައްސަލަ ފެންމަތިވީ، ޕައިލެޓުންނަށް އަރާމު ދިނުމާއި، ރޭގަނޑުގެ ވަގުތުގައި ދަތުރު ކުރުމާ ބެހޭ އައު ޤަވާއިދަށް ނޮވެންބަރު މަހުގެ 1ވަނަ ދުވަހު ޢަމަލު ކުރަން ފެށުމާ ގުޅިގެން، އެއާ އެއްގޮތަށް ޕައިލެޓުންގެ ޑިއުޓީ އިންތިޒާމުތައް ހަމަޖެއްސުމުގައި އިންޑިގޯ ފޭލުވުމުންނެވެ.
މިކަމާ ގުޅިގެން، އިންޑިގޯއިން މިހާތަނަށް 1،000އަށް ވުރެ ގިނަ އުދުހުންތައް ކެންސަލްކޮށްފައިވާއިރު، މިއަދު އެކަނިވެސް ވަނީ 380އަށް ވުރެ ގިނަ ފްލައިޓު ކެންސަލްކުރަންޖެހިފައެވެ.
މިކަމުގެ އަސަރު މުޅި އިންޑިޔާގެ އެތެރޭގެ އުދުހުންތަކަށް ކޮށްފައިވާއިރު، އިންޑިޔާ ސަރުކާރުން ވަނީ އިންޑިގޯއަށް ޙާއްސަ ލުއިތަކެއް ދިނުމުގެ އިތުރަށް، ތާށިވެފައިވާ ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އިތުރު މަގެއް ހޯދައިދިނުމުގެ ގޮތުން ރޭލު ދަތުރުތައް އިތުރުކުރަން ނިންމައިފައެވެ.
އިންޑިޔާގެ އެތެރޭގެ އުދުހުންތަކުގެ ބާޒާރުގެ %60 ހިއްސާ ކުރާ އިންޑިގޯގެ ގިނަ އުދުހުންތައް ކެންސަލްވުމާ ގުޅިގެން، އެންމެ މަޤުބޫލު މަންޒިލުތަކަށް އެހެން އެއާލައިންތަކުގެ ޓިކެޓުގެ އަގު ވަނީ ބޮޑުކުރަން ފަށައިފައެވެ. އެއާ އެކު، ފަސިންޖަރުންނަށް ހަމަހަމަކަން ޤާއިމުކޮށްދިނުމުގެ ގޮތުން، ޓިކެޓު އަގު ހިފަހައްޓަން ނިންމައި، އިންޑިޔާ ސަރުކާރުން ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް، ޓިކެޓުގެ އަގުތައް ހިފެހެއްޓި ޢަދަދުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މިއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި 2020 ވަނަ އަހަރަށްފަހު، ޓިކެޓުގެ އަގު އިންޑިޔާ ސަރުކާރުން ހިފެހެއްޓި ފުރަތަމަ ފަހަރެވެ.