ޚަބަރު

ޣައްޒާ ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތައް ނާޒުކު، އެއްބަސްވުން ފުރިހަމައެއް ނުވޭ: ޤަޠަރު


2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ކުރުމުންދާ އިތުރު މަޝްވަރާތައް މިހާރު އޮތީ ވަރަށް ނާޒުކު މަރުޙަލާއެއްގައި ކަމަށް ޤަޠަރުން ބުނެފިއެވެ.

ދެ އަހަރު ދުވަހަށް ފަހު ޣައްޒާ ހަނގުރާމަ ހުއްޓާލާފައި ވަނީ އެމެރިކާގެ އެހީތެރިކަމާއެކު އެކުލަވާލައި މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ އިތުރު މަރުޙަލާތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާއިރު، މަޝްވަރާތަކުގައި މައި މެދުވެރިއެއްގެ ދައުރު ޢަދާކުރާ އެއް ޤައުމުކަމަށްވާ ޤަޠަރުން ވަނީ އެއްބަސްވުމާ ގުޅޭގޮތުން ޤަޠަރުގައި މިހާރު ކުރިއަށްދާ ދައުޙާ ފޯރަމްގެ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކައިފައެވެ.

ޤަޠަރުގެ ބޮޑުވަޒީރު މުޙައްމަދު ބިން އަބްދުލްރަޙްމާން އައްޘާނީ ވިދާޅުވީ ޣައްޒާގައި ފުރިހަމައަށް ހަނގުރާމަ ހުއްޓާލާފައިވާ ކަމަށް އަދި ނުބުނެވޭނެ ކަމަށާއި، ފުރިހަމައަށް ހަނގުރާމަ ހުއްޓައިލުމަށް ޔަހޫދީ ސިފައިން ޣައްޒާއިން ފައިބަންޖެހޭ ކަމަށެވެ. އަދި އެ ސަހަރުގައި ހަމަޖެހުން ޤާއިމްކުރަން ޖެހޭ ކަމަށެވެ. އެ ކަން ޙާޞިލް ކުރެވޭނީ ޣައްޒާގެ ރައްޔިތުންނަށް ހުރަހެއް ނެތި އެ ސަހަރަށް ވަދެނިކުމެވިގެން ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށްފަހު ޣައްޒާގައި ދޭ ޢުދުވާނީ ޙަމަލާތައް މަދުވި ނަމަވެސް ޔަހޫދީން އަދިވެސް ޣައްޒާއަށް ޤަވާއިދުން ޙަމަލާދެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޣައްޒާގެ ހަތް ރައްޔިތުން ވަނީ ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުވެފައެވެ.

ހަނގުރާމަ ހުއްޓައިލުމާ ބެހޭ އެއްބަސްވުމާ ގުޅޭ އިތުރު މަޝްވަރާތައް ކުރަމުންދާއިރު މިހާރު ވާހަކަދެކެވެމުންދާ މައިގަނޑު ނުކުތާތަކަކީ ޙަމާސުން ޔަހޫދީ ފަހު އަސީރުގެ ހަށިގަނޑު ޙަވާލުކުރުމާއި ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ރަފަޙް ހުރަސް އަލުން ހުޅުވައިލުމާއި ޣައްޒާގައި ވެރިކަންކުރާނެ އިންތިޤާލީ ސަރުކާރެއް އެކުލަވައިލުމާ ގުޅޭ މަޝްވަރާތަކެވެ. ޣައްޒާގައި ޙަރަކާތްތެރިވުމަށް ބައިނަލްްއަޤްވާމީ ސަލާމަތީ ފައުޖެއް އެކުލަވައިލުމާ ގުޅޭ
ގޮތުން ވެސް ވާހަކަ ދެކެވޭއިރު އެ ފައުޖާ ގުޅޭ ނިންމުންތަކުގައި ދެބަސްވުންތައް ގިނައެވެ.