އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑް އާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
ލީޑްސްގެ އީލޭންޑް ރޯޑް ގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ލިވަޕޫލްގެ ހޫގޯ އެކިޓީކޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ތިން މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ލީޑްސް އިން ލިވަޕޫލްގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 73 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޑޮމިނިކް ކެލްވަޓް ލެވިން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގައި ލީޑްސް އިން ފުރަތަމަ ލަނޑު ޖެހިތާ ދެވަނަ މިނިޓޫގައި އެ ޓީމުގެ އެބްޓާބް ސްޓެޗް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ލިވަޕޫލް އިން މި މެޗަށް ނިކުތްއިރު އެ ޓީމުގެ ކޯޗު އާނޭ ސްލޮޓް ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ލީގު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި މުހައްމަދު ސަލާ އަށް ބެންޗުން ފުރުސަތު ދީފަ އެވެ. އަދި މި މެޗަށްފަހު ސަލާ ވަނީ އޭނާ އާއި ސްލޮޓް އާއި ދެމެދު އޮތް ގުޅުން ގޯސްވެފައިވާކަމަށް ބުނެފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް ލިވަޕޫލްގެ ޑޮމިނިކް ސޮބޮޒްލާއީ ވަނީ އިތުރު ލަނޑެއް ޖަހާ އެ ޓީމަށް ދެވަނަ ފަހަރަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ލީޑްސް އިން ކުޅެން އެރި ޖަޕާނުގެ އައޯ ޓަނާކާ ވަނީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓުގެ ތެރެއިން ފަހު މިނިޓުގައި ލަނޑެއް ޖަހާ އެ ޓީމަށް މި މެޗުން ޕޮއިންޓެއް ހޯދަދީފަ އެވެ.
މި ނަތީޖާ އާއިއެކު ލީޑްސް އަށް 15 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ. އަދި ލިވަޕޫލް އަށް ލިބިފައިވާ 23 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 8 ވަނައިގަ އެވެ.