ފަތުރުވެރިކަމުގެ ދާއިރާގެ ތަކެއްޗާއި ޚިދުމަތްތަކުން ނެގޭ ޖީއެސްޓީއާއި ބިން ވިއްކުމާއި ބިން ބަދަލު ކުރުމުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މާލީ ވުޒާރާއިން ވަނީ، ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައިގެން ތައްޔާރުކޮށްފައިވާ މިދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް އާންމުކޮށްފައެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް' ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 35 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.4 އިންސައްތަ އިތުރު އަދެދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދަޢުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 32 ބިލިޔަން ރުފިޔާއެވެ.
ސަރުކާރުގެ އާމްދަނީގެ މައިގަނޑު ބަޔަކީ، ޓެކްސް އާމްދަނީއެވެ. ޓެކްސް އާމްދަނީ 24 ބިލިޔަން ރުފިޔާއިން 26 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 8.3 އިންސައްތަ އިތުރުވުމެކެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، ތަކެއްޗާއި ޚިދުމަތްތަކުން ނެގޭ ޓެކްސް، ޖީއެސްޓީއިންނެވެ. އެގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 14.4 ބިލިޔަނަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ޖީއެސްޓީގެ ގޮތުގައި ލިބުނު 12.8 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 12.4 އިންސަައްތައިގެ އިތުރުވުމެކެވެ.
ޓެކްސް ނޫން އާމްދަނީވެސް ވަނީ، ކުރިއެރުން ހޯދާފައެވެ. އެގޮތުން ޓެކްސް ނޫން އާމްދަނީ 8.6 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 7.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު، 19.4 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ހަރު މުދަލުގެ އާމްދަނީ އިތުރުވެފައިވާއިރު، ބިން ވިއްކުމާއި ބަދަލު ކުރުމަށް ނެގޭ ފީވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ލޭންޑް އެކުއިޒިޝަން އަދި ކޮންވަރޝަން ފީ 437.2 މިލިޔަން ރުފިޔާއިން 558.3 މިލިޔަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 27.7 އިންސައްތަ އިތުރުވުމެކެވެ.
މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފްއަށް ޖަމާކުރި ފައިސާގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ 27ވަނަ ދުވަހާއި ހަމައަށް އެސްޑީއެފްއަށް ޖަމާކުރި ޖުމްލަ ފައިސާ 2.4 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ޖަމާކުރި 1.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު، 84.6 އިންސައްތަ އިތުރުވުމެކެވެ. މިއީ، ދައުލަތުގެ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަ ކުރުމާއި، މުސްތަޤްބަލުގައި ދަރަނި އަދާކުރުމުގެ ޤާބިލުކަން ކަށަވަރު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހާމަކޮށްދޭ ކަމެއް ކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު، ޖުމްލަ ޑެފިސިޓް ވަނީ ބޮޑުތަނުން ކުޑަވެފައެވެ. އެގޮތުން ބަޖެޓުގެ ޖުމްލަ ބެލެންސް ވަނީ މިދިޔަ އަހަރުގެ މިމުއްދަތުގައި ހުރި 10.2 ބިލިޔަން ރުފިޔާގެ ޑެފިސިޓަކުން 1.4 ބިލިޔަން ރުފިޔާއަށް ތިރިވެފައެވެ. އަދި މިމުއްދަތެއްގައި ޕްރައިމަރީ ބެލެންސް ވަނީ، 5.9 ބިލިޔަން ރުފިޔާގެ ޑެފިސިޓަކުން 2.8 ބިލިޔަން ރުފިޔާގެ ސަރޕްލަސްއަކަށް ބަދަލުވެފައެވެ. މިއީ، އާމްދަނީގެ ހާލަތު ވަރުގަދަވުމާއި، ޚަރަދުތައް ކޮންޓްރޯލް ކުރެވުމުގެ ނަތީޖާއެެއް ކަމަށް މާލީ ވުޒާރާއިން ސިފަކުރައްވައެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ދަޢުލަތުގެ ޖުމްލަ ޚަރަދުތައްވެސް ހުރީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު ދަށްކޮށެވެ. އެގޮތުން ރިކަރަންޓް އަދި ކެޕިޓަލް ޚަރަދު ވަނީ، 42.0 ބިލިޔަން ރުފިޔާއިން 36.4 ބިލިޔަން ރުފިޔާއަށް ދަށްވެފައެވެ. މިއީ، މިދިޔަ އަހަރާ އަޅާބަލާއިރު 13.2 އިންސައްތަ ދަށް އަދަދެކެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، ފާއިތުވި ހަފްތާގެ މާލީ ރިޕޯޓުން ދައްކައިދެނީ، ސަރުކާރުން މާލީ ދާއިރާ ހަރުދަނާ ކުރުމާއި، މުސާރަ އަދި ޚިދުމަތުގެ އިސްލާޙުތަކާއި، ޤައުމީ ތަރައްޤީއަށް އިންވެސްޓް ކުރުމުގެ މަޤްޞަދުތައް ކާމިޔާބުކަމާއެކު ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި ޖީއެސްޓީއާއި ޓީ-ޖީއެސްޓީއިން ބޮޑު ކުރިއެރުމެއް ލިބުމާއި، ބިމާއި ގުޅުންހުރި އާމްދަނީ އިތުރުވުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާ އިތުރުވުމަކީ، މާލީ ހާލަތު އިތުރަށް ހަރުދަނާވެފައިވާކަން ދައްކައިދޭ ކަމެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.