ޚަބަރު

ސެލޫނަކަށް ވަދެ، މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފި


  • މި މައްސަލާގައި ހައްޔަރުކުރީ، ސ. ހިތަދޫ / އަސަރީވިލާ، ޢަލީ މަނިކު (43އ)

  • އޭނާ ވަނީ، އެތަނަށް ދިޔަ ފުލުހަކާ މާރާމާރީ ހިންގާފައި

މާލޭގައި ހުންނަ ސެލޫނަކަށް ވަދެ، އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސެލޫނަކަށް ދިޔަ މީހަކު އެތަނުގައި ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުންދީ، އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލަ މިދިޔަ ހުކުރު ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން އެތަނަށް ދިޔަ ފުލުހަކާ ކުރިމަތިލައި، މާރާމާރީ ހިންގައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ސ. ހިތަދޫ / އަސަރީވިލާ، ޢަލީ މަނިކު (43އ)އެވެ. އޭނާއަކީ، ފުލުހެއް ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާޢީ މައްސަލާގައި ހައްޔަރު ކުރުމާއި ގުޅިގެން އިއްޔެއިން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާޢީ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށާއި އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މިމައްސަލާގައި ޢަލީ މަނިކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.