ޚަބަރު

ހުޅުމާލޭގައި 1900 އަށްވުރެ ގިނަ އުޅަނދު ޕާކު ކުރެވޭނެ ވަގުތީ ޕާކިންގ ޒޯންތަކެއް


  • ހުޅުމާލޭގެ 4 ސަރަހައްދެއްގައި ވަގުތީ ޕާކިން ޒޯންތައް ވަނީ ކަނޑައަޅާފައި

  • މިއީ، 4 ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް ކަނޑައަޅާފައިވާ ޒޯނުތަކެއް

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި 1900 އަށްވުރެ ގިނަ ވަގުތީ ޕާކިންގ ޒޯންތަކެއް ކަނޑައަޅައިފިއެވެ.

އެޗްޑީސީން ވިދާޅުވެފައިވާ ގޮތުގައި މި ޖާގަތަކަކީ ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ކަނޑައަޅާފައިވާ ޖާގަތަކެކެވެ. އެގޮތުން މިހާތަނަށް 1964 އުޅަނދު ޕާކު ކުރެވޭނެ ޖާގަ ވަގުތީގޮތުން ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި އެޗްޑީސީ ގުޅިގެން ވަގުތީ ޕާކިންގ ސަރަހައްދުތައް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ، ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅު ކުރުމާއި، މަގުތަކުގައި ވެހިކަލްތައް ޕާކު ކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރުން ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އަދި މާލޭގައި ޕާކިންގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ހުޅުމާލެއިން މިފަދަ ބޮޑު ޖާގައެއް ހަމަޖެއްސުމަކީ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.

އެޗްޑީސީން ވަގުތީ ޕާކިންގ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، މަސްޖިދުލް ވާލިދައިން ކައިރި 115 ޕާކިންގ ޖާގައިގެ ސަރަހައްދަކާއި، ޣާޒީ ސްކޫލު ކައިރި 254 ޕާކިންގ ޖާގައިގެ ސަރަހައްދަކާއި، ހިޔާ ޓަވަރު 16ގެ ކައިރިން 1233 ޖާގައިގެ ސަރަހައްދެއްގެ އިތުރުން ވިނަރެސް ކައިރިން 362 ޖާގައިގެ ސަރަހައްދެކެވެ.

މި ވަގުތީ އިންތިޒާމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ވެހިކަލްތަކަށާއި މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ލުއިފަސޭހަވެ، ލިބޭ ރައްކާތެރިކަން ބޮޑުވާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި މާލެ ސަރަހައްދުގެ ޕާކިންގ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ވަގުތީ ޕާކިންގ ސަރަހައްދުތަކުގެ ސަބަބުން އުޅަނދު ގެންގުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހުޅުމާލޭގައި އުޅަނދުތައް ޕާކު ކުރުމަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އެޗްޑީސީން އަންނަނީ، ޕާކިންގ ބިލްޑިންތަކެއް ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.