ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.
ހައި ކޯޓުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. އެ ކޯޓުން ވިދާޅުވީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވީ މިއަދު ކަމަށެވެ. އަދި ފަނޑިޔާރު ނިޔާޒް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފަނޑިޔާރު ނިޔާޒަކީ ހައިކޯޓުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ. ދާއިރާގައި 23 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަނޑިޔާރު ނިޔާޒު ހައި ކޯޓާ ގުޅިވަޑައިގެންނެވީ 18 ޖެނުއަރީ 2018ގައެވެ. އޭނާ ވަނީ 2002 ވަނަ އަހަރުން ފެށިގެން ވައިކަރަދޫ އާއި ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގައިވެސް ޚިދުމަތް ކުރައްވާފައެވެ. އަދި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަންވެސް ފަނޑިޔާރު ނިޔާޒު ވަނީ ކުރައްވާފައެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމާއި ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ފަނޑިޔާރު ނިޔާޒު ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލްކުރެއްވީ މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީންނެވެ. އަދި އިނގިރޭސިވިލާތާއި އެމެރިކާއިންވެސް ޤާނޫނީ ދާއިރާގެ ތަޖުރިބާ ވަނީ ހޯއްދަވާފައެވެ.
ފަނޑިޔާރު ނިޔާޒު ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވައި ރިޓަޔަމެންޓަށް ހުށަހަޅުއްވީ މިދިޔަ މަހުގެ ތެރޭގައެވެ. އެ ހުށަހެޅުން ބަލައިގަތުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.