ކުޅިވަރު

"ކުޅިވަރު ކުރިއެރުވޭނީ އެންމެން އެކައްޗެއް ކިޔައިގެން އެއް މިސްރާބަކަށް ދަތުރުކޮށްގެން"


  • ކުޅިވަރާއި ގުޅުންހުރި ދާއިރާތަކުން ފަންނީ މީހުން ބިނާކުރެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް

  • އެމްއެންއައިއެސްއިން ގިނަ އަދަދެއްގެ ކޯސްތަކެއް ހިންގާފައިވާ

  • އެސޯސިއޭޝަންތަކުގެ ސްޓާފުންނަށް ސްޕޯޓްސް މެނޭޖްމަންޓު ޓްރޭނިންގ ޕްރޮގްރާމެއްވެސް ވަނީ ހިންގިފަ

ކުޅިވަރު ކުރިއެރުވޭނީ އެންމެން އެކައްޗެއް ކިޔައިގެން އެއް މިސްރާބަކަށް ދަތުރުކޮށްގެންގެންކަމަށާއި އެއަމާޒާއި އެއްގޮތަށް ކަންތައްކުރެވިއްޖެނަމަ ނަތީޖާ ފޮނިވާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ފާއިތުވެދިޔަ ދެ އަހަރަކީ ކުޅިވަރުގެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދި ކާމިޔާބު ދެ އަހަރުކަމަށެވެ. މިހާ ކާމިޔާބުކަމާއެކު މި ދެ އަހަރު ނިންމާލެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ތަޞައްވުރުފުޅުގެ ސަބަބުންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިކަމުގައި ކުޅިވަރު ޢާއިލާގެ ފަރާތުން ލިބުނު އެއްބާރުލުންވެސް ބޮޑުކަމަށެވެ.

ހުރިހާ ފަރާތްތަކެއް އެކުވެ މަސައްކަތްކުރީ އެއް އަމާޒަކަށްކަމަށާ ރާއްޖެއިން ކުޅިވަރު ދާއިރާއިން ހޯދި ކާމިޔާބީގެ އަސްލަކީ އެންމެން އެކުވެ އެއްބައެއްގެ ގޮތުގައި ކުރި މަސައްކަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވާނީ ވަރަށް ކާމިޔާބު 104 ހަފްތާއޭ އަޅުގަނޑުމެންގެ ސަރުކާރަށްވެގެން މިދިޔައީ. މިކަން ވެގެން މިދިޔައީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. ޑރ. މުޙަންމަދު މުޢިއްޒުގެ ވިޝަންއާއި އެއްގޮތަށް އަދި ހަމަ މުޅި ކުޅިވަރު ޢާއިލާ އެއް ޓާގެޓެއް އެޗީވްކުރަން ކުރި މަސައްކަތުގެ ނަތީޖާއިން" ވަޒީރު ވިދާޅުވެފަވެއެވެ.

ވަޒީރު ވިދާޅުވީ މިކަމުންވެސް ދައްކުވައިދިނީ ކުޅިވަރު ކުރިއެރުވޭނީ އެންމެން އެކައްޗެއް ކިޔައިގެން އެއް މިސްރާބަކަށް ދަތުރުކޮށްގެންކަމެވެ. ފާއިތުވެ ދިޔަ ދެ އަހަރު ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ ފޮނިކަމަށް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ މިއީ މުޅި ކުޅިވަރު ޢާއިލާ އެކުވެ ކުރި މަސައްކަތުގެ ނަތީޖާކަމަށެވެ.

"އަޅުގަނޑުމެންނަށް މިފެންނަނީ ކުޅިވަރުގައިވެސް ކާމިޔާބީ ހާސިލްކުރެވޭނީ އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔައިގެން އެންމެން އެއް މިސްރާބަކަށް ދަތުރުފަށައިގެންނޭ. އެހެންވީމަ އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ ވަރަށް ފޮނިވާނެ" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްޤީގައި ކުރެވުނު ކާމިޔާބު އެއް މަސައްކަތަކީ ފަންނީ މީހުން ތަންރީނުކުރުންކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން ކުޅިވަރު ވުޒާރާގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ތަފާތު ކުޅިވަރުތަކުން ގިނަ އަދަދަކަށް ފަންނީ މީހުން ތަމްރީނުކުރެވުނުކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ އިތުރުން އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ސްޕޯޓްސް މެނޭޖްމަންޓު ޓްރޭނިންގ ޕްރޮގްރާމެއްވެސް ހިންގުނުކަމަށް ވަޒީރު ފާހަގަކުރައްވާފަވެއެވެ.

"އެކި ކުޅިވަރުން ވަރަށް ގިން ޓެކްނިކަލް ސްޓާފުން ޓްރޭންކުރުން، އެއީ ރެފްރީ ކޯސްތަކާއި ކޯޗުންނާއި އެކި ކުޅިވަރުތަކުން މީހުން ތަމްރީނުކުރެވިއްޖެ އެމްއެންއައިއެސް މެދުވެރިކޮށް. އަދި އޭގެ އިތުރުން އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެސޯސިއޭޝަންތަކުގެ ސްޓާފުންނަށް ސްޕޯޓްސް މެނޭޖްމަންޓު ޓްރޭނިންގ ޕްރޮގްރާމެއް ކުރިއަށް ގެންދެވިއްޖެ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުޅިވަރު ދާއިރާއިން މީހުން ބިނާކުރުމުގެ ދާއިރާއިން މިއީ ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއެއްކަމަށެވެ. އޭގެ އިތުރުން ކުޅިވަރު ވުޒާރާއިން އެކު އަތޮޅުތަކަށް ކަނޑައަޅާފައި ތިބޭ ޔޫތު އެސޯސިއޭޓުންނާއި ކުޅިވަރުގެ ކަންކަމާއި ހަވާލުވެގެން ތިބޭ ސްޕޯޓްސް ކައުންސިލަރުން ހިމެނޭގޮތަށް ލީޑަރޝިޕް ޕްރޮގާރާމެއްވެސް ކާމިޔާބުކަމާއެކު ހިންގުނުކަމަށް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

ފާއިތުވެދިޔަ ދެ އަހަރަކީ ކުޅިވަރުގެ ތަފާތު ގިނަ ރޮނގުތަކުން ރާއްޖޭގައި ޕްރޮގްރާމުތައް ހިންގުނު އަދި އެހެން ޤައުމުތަކަށް ދިވެހިން ފޮނުވައިގެން ތަމްރީނުކުރެވުނު ދެ އަހަރުކަމަށް ވަޒީރު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ސޮއިކޮށްފައިވާ އެމްއޯޔޫތަކުގެ އެހީގައި ބޭރު ޤައުމުތަކުން ރާއްޖެއަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންކަން ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން ޗައިނާއިން ރާއްޖޭގެ ވޮލީބޯޅަ ކޯޗުން ތަމްރީނުކޮށްފަވާއިރު މެޑިކަލް ސްޓާފުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއްވެސް އެ ޤައުމުގައި ހިންގުނުކަމަށް ވަޒީރު މަޢުލޫމާތުދެއްވިއެވެ.

އޭގެ އިތުރުން އެ ޤައުމުގެ ޓްރެއިނަރުން ރާއްޖެ ގެނެސް ކުޅިވަރާއި ގުޅުންހުރި ފަންނީ ދާއިރާތަކުން ދިވެހިން ތަމްރީނުކުރަމުން އަންނަކަމަށް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

ކުޅިވަރުގެ ދާއިރާއިން ރާއްޖެއާއި ޗައިނާއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފަވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. މި ފަހުމުނާމާގައިވާގޮތުން ދެ ޤައުމުން ގުޅިގެން ކުޅިވަރުގެ ދާއިރާއާއި ގުޅުންހުރި ގިނަ ހަރަކާތްތަކެއް ހިންގުމަށް އެއްބަސްވެފަވެއެވެ.

މީގެ ތެރޭގައި ދެ ގައުމުގެ އެތުލީޓުން ބަދަލުކޮށް ތަމްރީނު ކޭމްޕުތައް ބޭއްވުން ހިމެނެއެވެ. މި ފަހުމުނާމާގެ ދަށުން ސިއްހީ އޮފިޝަލުންނާއި، ކޯޗުންނާއި، ރެފްރީން، އަމްޕަޔަރުން އަދި ކުޅިވަރުގައި ބޭނުންކުރާ މަނާބޭހަށް އަހުލުވެރިކުރުވުމަށްޓަކައި އެކަމަށް ޚާއްސަ އޮފިޝަލުން ތަމްރީނުކުރުން ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ގުޅުންހުރި ދާއިރާތަކުން ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަގުވާމީ މައިދާނުގައި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް ޗައިނާއިންވަނީ އެއްބަސްވެފައެވެ.