ޚަބަރު

ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާކަމަށް ޝައްކުކުރެވޭނަމަ ރިޕޯޓުކުރަން އެދިއްޖެ


  • ވަންގަވް މެދުވެރިކޮށް ލޮގިންވެގެން ކަރެކްޝަންސްގެ ޕޯޓަލް މެދުވެރިކޮށް ރިޕޯޓްކުރެވޭނެ

  • މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ޕޯޓަލްއެއްގެ ތެރެއިން ރިޕޯޓްކުރެވޭނެ

ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާކަމަށް ޝައްކުކުރެވޭނަމަ އެކަން ރިޕޯޓުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ ޖަލުގައި ތިބޭ ޤައިދީން އެކި ފަރާތްތަކަށް ގުޅައި، ޤާނޫނާއި ގަވައިދާ ޚިލާފު ޢަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިފަދަ ކޯލްތައް ރިޕޯޓްކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަމަށް ދާޚިލީ ވުޒާރާގެ ބަޔާނުގައިވެއެވެ.

ދާޚިލީ ވުޒާރާއިން ވިދާޅުވީ ޖަލުތަކުގައި ތިބޭ ޤައިދީން ގުޅިކަމަށް ޝައްކުކުރެވޭނަމަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ޕޯޓަލްއެއްގެ ތެރެއިން ރިޕޯޓްކުރެވޭނެ ކަމަށެވެ. މި ޕޯޓަލްއަށް ވަންގަވް މެދުވެރިކޮށް ލޮގިންވެވޭނެއެވެ.

ޖަލުތަކުގައި ތިބޭ ޤައިދީން ސިއްރުން ފޯނު ވައްދައިގެން މީހުންނަށް ގުޅައި މައްސަލަތައް އެކި ފަހަރު މަތިން ފެންމަތިވެއެވެ. އެގޮތުން މިއަހަރުގެ ސެޕްޓެންބަރު މަހުގެ 14 ވަނަ ދުވަހު ސްކޭމް މައްސަލަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މާފުށީ ޖަލުން 33 ފޯން އަތުލައިގަނެފައިވެއެވެ.