މެދު ރާއްޖެތެރެއަށް ވައި ނުސާފުވެ، މާލެ ސަރަޙައްދަށް އޮރެންޖު ސަމާލު ނެރެފިއެވެ. މިދިޔަ އަހަރުވެސް އިރުވައި މުސޫމާއި ކައިރި ވުމުން، ރާއްޖޭގައި ދުރު ފެންނަ މިންވަރު ދަށަށް ދިޔައެވެ.
އެޗްޕީއޭއިން ވިދާޅުވީ މާލެ ސަރަހައްދަށް އޮރެންޖު ސަމާލު ނެރެފައިވާއިރު، މިހާލަތުގައި ނާޒުކު ހާލަތްތަކުގައިވާ ފަރާއްތަކަށާއި އެހެން މީހުނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށެވެ. ނާޒުކުރު ހާލަތްތަކުގައިވާ މީހުންގެ ތެރޭގައި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔައް ފަރުވާ ކުރާ މީހުން، އެލާރޖީ މައްސަލަ ހުންނަ މީހުން ހިމެނޭކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސް ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އުތުރާއި މެދު ރާއްޖެތެރޭގައި ވައި ސާފު މިންވަރު ދަށްވެފައިވޭ. މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ސަމާލުވެލައްވާ!
— Health Protection Agency (@HPA_MV) December 11, 2025
އެންމެ ފަހުގެ އަޕްޑޭޓް: 11 ޑިސެންބަރު 2025#haze#airpollution… pic.twitter.com/gVfHIoR90T
އެގޮތުން އެފަދަ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންތައްތައް ކުރުން މަޑުޖައްސާލުމާއި ބޭރަށް ނުކުންނަން ޖެހޭ ހާލައްތަކުގައި އެން95 ނުވަތަ އެފަދަ މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި އެއަރ ޕިއުރިފައިއަރ ބޭނުންކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.
މާލެ ސަރަޙައްދު އޮރެންޖް ސަމާލުގައި އޮތްއިރު ރާއްޖޭގެ އެހެން ސަރަޙައްދުތައް އޮތީ ރީނދޫ ސަމާލުގައެވެ. މިހާލަތުގައި ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު، ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލިވާން ޖެހެއެވެ. އަދި އެފަދަ ފަރާތްތަކުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަމުން މިހާލަތުގައި ދުރުހެލިވާންޖެހެއެވެ. އަި ބޭރަށް ނުކުންނަން ވާނީ މާސްކު އަޅައިގެނެެވެ.
އެޗްޕީއޭއިން ވިދާޅުވީ ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ އައިކިއު އެއަރ http://iqair.com/maldives ނުވަތަ އެޕް މެދު ވެރިކޮށް ވައި ނުސާފު މިންވަރަށް ބަލާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުން މުހިންމުކަމަށެވެ.
"އައިކިއު އެއާ"އިން ދައްކާގޮތުގައި ހިރަފުސް ކުނޑި ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 42 މައިކްރޯ ގްރާމްގައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މެދުރާއްޖެތެރެއަށް ދުރު ފެންނަ މިންވަރު ނުވަތަ ވިސިބިލިޓީ މިވަގުތު ހުރީ، 4 ކިލޯ މީޓަރުގައެވެ. ކުރިއަށް އޮތް ދެދުވަހުވެސް ވައި ނުސާފުވާނެކަމަށް ވިދާޅުވިއެވެ. މެޓު އޮފީހުން ވިދާޅުވީ، މީގެކުރީގެ ބައެއް އަހަރުތަކުގައި 5000 މީޓަރު އަދި ބައެއް ފަހަރު 4000 މީޓަރަށްވެސް ދަށަށް ގޮސްފައި އެބަހުރި ކަމަށެވެ.