މަސްވެރިން ކުރަމުންދާ އިޙްތިޖާޖާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހުންގެ ބަންދުގެ މުއްދަތު 5 ދުވަހަށް އިތުރުކޮށްފިއެވެ.
މިމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކުރަމުންދާ އިޙްތިޖާޖާ ގުޅިގެން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައެވެ.
ފުލުހުން ވިދާޅުވީ މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރު ކޮށްފައިވާ 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތިން މީހުންވެސް ބަންދުގައި ބޭތިއްބުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. މިމީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުވެސް ހިމެނެއެވެ.
މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކުރަމުންދާ އިޙްތިޖާޖާ ގުޅިގެން ފުލުހުން އިޙްތިޖާޖުގެ ބައިވެރިންނާ މުއާމަލާތްކޮށް، މި އިޙްތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށާއި، އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވަމުންދާތީ ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މާލޭ ފަޅަށް ވަދެ ނުކުމެ ހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ވަނީ ނަސޭހަތްތެރިވެފައެވެ.
އިޙުތިޖާޖުގައި ބައިވެރިވި ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާބަދީފައި ނުވާތީއާއި ބިދޭސީން އިޙްތިޖާޖުގައި ބައިވެރިވެފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އިހުތިޖާޖުގައި ބައިވެރިވަމުން ދިޔަ ބައެއް ދޯނިތަކަށް ފުލުހުން ވަނީ އަރާފައެވެ.
މިމަސައްކަތް ކުރުމަށް ފުލުހުން ދޯނިތަކަށް އެރުމުން މަސްވެރި ޔޫނިއަނުން އެކަމާ ދެކޮޅު ހަދައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުންގެ ދައުރަށް ހުރަސް އެޅުމާއި ގުޅިގެން އިހުތިޖާޖާޖުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 3 ދޯނި ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.