ޚަބަރު

ފަސް މިލިޔަން ގަސް ޕްރޮގްރާމް: ރައީސްގެ ދެކަނބަލުން ދުވާފަރުގައި ގަސް އިންދަވައިފި


  • މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމް

  • މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ގަސް ވަނީ އިންދާފައި

5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ޑރ.މުހައްމަދު މުއިއްޒުގެ ދެކަނބަލުން ދުވާފަރުގައި ގަސް އިންދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރުގައި ގަސް އިންދަވާފައިމިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެއެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގްރާމެކެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، މިއަހަރުގެ މިހާތަނަށް ޖުމްލަ 800،190 ގަސް އިންދާފައިވެއެވެ. މިއީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމެއް ނަމަވެސް މިޕްރޮގުރާމުގެ ދަށުން 6.4 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބޮޑަށް އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން، ރާއްޖެއިން ނެތެމުންދާކަމަށް ބެލެވޭ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، އިންދުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ނިޔަލަށް 2 މިލިޔަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެކެވެ.