ޚަބަރު

އޮކްޓޫބަރު ނިމުނުއިރު ރިޒާވްގައި ހުރީ 866 މިލިޔަން ޑޮލަރު


  • މަހުން މަހަށް ރަސްމީ ރިޒާވު ވަނީ %0.79 އިތުރުވެފައި

  • ބޭނުންކުރެވޭ ރިޒާވުގައި ހުރީ 194.4 މިލިޔަން ޑޮލަރު

މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 866 މިލިޔަން ޑޮލަރުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަހަރުގެ ޖުލައި މަހުން ފެށިގެން ރަސްމީ ރިޒާވް އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވަމުންނެވެ.

މަރުކަޒީ ބޭންކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ، 859.5 މިލިޔަން ޑޮލަރެވެ. މި އަދަދު އޮކްޓޫބަރު މަހު 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 866.3 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ. މިއީ މަހުން މަހަށް އަޅާކިޔާއިރު 0.79 އިންސައްތައިގެ ކުރިއެރުމެކެވެ.

ރަސްމީ ރިޒާވް އިތުރުވެފައިވީ ނަމަވެސް ކުރު މުއްދަތުތުގައި ދައްކަންޖެހޭ އިލްތިޒާމުތަކުގެ އަދަދު އޮކްޓޫބަރުގެ ނިޔަލަށް ވަނީ އިތުރުވެފައެވެ. މިގޮތުން ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރީ 789.6 މިލިޔަން ޑޮލަރުގައެވެ. އޭގެ ކުރީ މަހު މިއަދަދު ހުރީ 781.7 މިލިޔަން ޑޮލަރުގައެވެ.

މިއަދަދަށް އައި ބަދަލާއެކު، ބޭނުންކުރެވޭ ރިޒާވު ދަށްވެފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ. މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެދެވެ.

އޮކްޓޫބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ، 193 މިލިޔަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު ދަށް އަދަދެކެވެ. ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި 194.4 މިލިޔަން ޑޮލަރު ހުރިއިރު، މިއީ މަހުން މަހަށް ބަލާއިރު 1.4 އިންސައްތަ ދަށްވުމެކެވެ.

ރާއްޖޭގެ ރިޒާވު ޚަރުދަނާކޮށް ރިޒާވުގައި ހުރި މިންވަރު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ކޮށްފައެވެ. މިގޮތުން ބޭރުފައިސާގެ އައު ޤާނޫނު ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ ތެރެއިން 60 އިންސައްތަ ރިޒާވް ހަރުދަނާ ކުރުމަށް އެމްއެމްއޭއިން ދަނީ ބޭނުންކުރުމުންނެވެ. މީގެ އިތުރުން މިއަހަރު ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާގެ އާމްދަނީ މިއަހަރު އިތުރުވެފައިވާޢިރު، ސާރކް ފްރޭމްވޯރކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑީއާއެކު ސޮއިކޮށްފައިވާ ކަރަންސީ 400 މިލިޔަން ޑޮލަރު ކަރަންސީ ސްވޮޕަކީވެސް ރިޒާވް މިއަހަރު ތެރޭގައި ރިޒާވަށް ހެޔޮ ބަދަލެއް އައި ސަބަބެއްކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ. މި ސްވޮޕް އެއްކޮށް ބޭނުން ކުރާނެ ކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ރާއްޖެއިން އެންމެ ބޮޑު އަދަދަކަށް ދަރަނި ދައްކަން ޖެހެނީ މިއަހަރު އަދި އަންނަ އަހަރެވެ. އަންނަ އަހަރު 1 ބިލިޔަން ޑޮލަރަށްވުރެ ގިނަ އަދަދެއް ދައްކަންޖެހޭއިރު ރިޒާވް ހަރުދަނާވުމަކީ މިކަމަށް މުހިންމު ކަމެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރެއެވެ.