ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ 2 ވަނަ ބުރުގެ ތަމްރީނުތައް އަންނަމަހު ފެށުމަށް ހަަމަޖެހިފައިވާ ކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފަށްޓަވާފައިވާ ޤައުމީ މުހިންމު މަސައްކަތެކެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ 2 ވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އަންނަ މަހުގެ ފަހުކޮޅު ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ 2 ވަނަ ބުރުގައި ފުރުސަތު ދޭނީ، މި ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ކުރިމަތިލި ކުދިންގެ ތެރެއިން ނަންނޯޓު ކޮށްފައިވާ ތަރުތީބުން ކަމަށެވެ.
މި ޕްރޮގްރާމްގެ ތަމްރީނުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ ކުރިއަށް ގެންގޮސްފައިވަނީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު އަދި މާލޭގެ އިތުރުން އދ. މަހިބަދޫ އަދި ފ. ނިލަންދޫގައެވެ.
މީގެއިތުރުން ތ. ވޭމަންޑޫ، ލ. ގަން، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހިތަދޫގައިވެސް ވަނީ، ބައިވެރިން ހޮވުމުގެ މަރުޙަލާ ކުރިއަށް ގެންގޮސްފައެވެ. ދިފާޢީ ވުޒާރާއިން ވިދާޅުވީ، މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައްވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށްވެސް 350 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މި ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވުނު 350 ބައިވެރިން މިހާރު ދަނީ، ޅ.މާފިލާފުށީގައި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.
ފުރަތަމަ ބުރަށް ހޮވުނު ބައިވެރިންގެ ތަމްރީނުތައް މިމަހުގެ ފަހުކޮޅު ނިމޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތަކީ، ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް ގުޅިގެން ހިންގާ ހަރަކާތެކެވެ.