ޚަބަރު

ބީއެމްއެލް، ވީޗެޓް-ޕޭ، ވިޒިޓް މޯލްޑިވްސް ގުޅިގެން ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަކުރަން އެއްބަސްވުމެއް


  • ޗައިނާގެ ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ

  • ރާއްޖެ މާކެޓުކުރުމަށާއި ފަތުރުވެރިންގެ އެންގޭޖްމެންޓް އިތުރުކުރުމަށް މަސައްކަތް ކުރާނެ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި ވޭސިންގ ޕޭ ނުވަތަ ވީޗެޓް-ޕޭ އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން ރާއްޖެ ޕްރޮމޯޓްކޮށް، ރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ތިން ކުންފުނީގެމެދުގައި ވެވުނު ދެ އެއްބަސްވުމަކީ ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ހައްލުތައް ހަރުދަނާކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެހީތެރިވުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އެއްބަސްވުންތަކެއް ކަަމަށް ބީއެމްއެލުން ވިދާޅުވިއެވެ.

ބީއެމްއެލް އާއި ވޭސިންގ ޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެދުގައި ގާއިމުކުރެވުނު މި އިސްތިރާޖީ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ. އެގޮތުން ރާއްޖެ މާކެޓުކުރުމާއި ފަތުރުވެރިންގެ އެންގޭޖްމެންޓް އިތުރުކުރުމާއި ޑިޖިޓަލް ހަރަކާތްތައް އިތުރުކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަަމަށް ވިދާޅުވިއެވެ. އަދި ޚާއްސަކޮށް ޗައިނާގެ ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހި އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފައިސާގެ މުއާމަލާތްތަކުގައި ބަޔޯމެޓްރިކްސްފަދަ އިޖާދީ ގޮތްތައް ބޭނުންކޮށްގެން ލުއިފަސޭހަކަމާއެކު ފައިސާ ދެއްކުމަށް ހުރި ފުރުސަތުތައް ބީއެމްއެލްއާއި ވޭސިންގ ޕޭ ގުޅިގެން މި އެއްބަސްވުމުގެ ދަށުން އިތުރަށް މުރާޖާ ކުރަމުންދާނެއެވެ.

ބީއެމްއެލުން ވަނީ ވޭސިންގ ޕޭއާ ގުޅިގެން ވޭސިންގ ޕޭ އެކޯސިސްޓަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއްވެސް ބާއްވާފައެވެ. މި ސެޝަނުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިން، ވޭސިންގ ޕޭ ބޭނުންކޮށްގެން މުދަލާއި ޚިދުމަތަށް ފަސޭހަކަމާއެކު ޑިޖިޓަލް ޕޭމަންޓް ހެދޭނެ ގޮތްތަކާއި އެ ޚިދުމަތްތައް ބޭނުންކޮށްގެން ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރިސޯޓުތަކުގެ މަންދޫބުންނަށް މައުލޫމާތު ވަނީ ދީފައެވެ.

މި އެއްބަސްބުންތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ވޭސިންގ ޕޭ އަދި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ފަތުރުވެރިންނާއި ވިޔަފާރިތަކަށް ފައިސާދެއްކޭނެ އީޖާދީ އަދި ރައްކާތެރި ގޮތްތައް ހަމަޖެހިގެން ދިއުމަކީ ލިބޭ އުފާވެރި ކަމެއް ކަމަށެވެ. އަދި ބަޔޯމެޓްރިކް ބޭނުންކޮށްގެން ފައިސާދެއްކޭ ފަދަ ޓެކްނޮލަޖީތަކާއެކު ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށާއި މީގެ ސަބަބުން އެކި ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމަށް އެހީތެރިވެދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ބީއެމްއެލުން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަރކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވޭސިންގ ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެއެވެ. ބީއެމްއެލްގެ މަރޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މަރޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުޢާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެއެވެ.