ރާއްޖެއަށް އެތެރެކުރާ މުދަލަށް ޑެމެރޭޖް ނާރާ ވަގުތު އިތުރުކޮށް، މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާޙަކަ ދައްކަވަމުންނެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ތެރެއިން ކާގޯގެ ޚިދުމަތް ހޯއްދަވާ ބައެއް ފަރާތްތަކުން ވަނީ މިހާރު އެއަރޕޯޓުގައި އެމްއޭސީއެލްއިން މުދާ ކްލައަރ ކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭކަމަށް ވިދާޅުވެފައެވެ. މިއާއެކު މުދާ އެތެރެކޮށް ގިނަ ވަގުތު ބަހައްޓަން ޖެހުމުން އެއަށް ދައްކަން ޖެހޭ އަގު ނުވަތަ ޑެމަރޭޖް ފީ އިތުރުވެގެންދާކަމަށް ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ.
ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުދާ ކްލިއަރ ކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން އެ ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު ކުރެވުނު މަޝްވަރާތަކާއެކު، މުދާ ބަހައްޓައިގެން އަގު ދައްކަން ނުޖެހޭ ވަގުތު ނުވަތަ ޑެމަރޭޖް ނާރާ ވަގުތު މިހާރު 80 ގަޑިއިރު އޮތް ނަމަވެސް އެކަން ބަދަލުކޮށް އެވަގުތު އިތުރުކޮށްދެއްވާނެ ކަމަށް ވިދަޅުވިއެވެ.
މިއާއެކު މުދާ ކްލިއަރ ކުރުމުގެ މަސައްކަތް 24 ގަޑިއިރު ކުރެވޭނެހެން އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޑެމަރޭޖް ނާރާ ފްރީކޮށް މިއޮންނަ 80 ގަޑިއިރުގެ ވާހަކަ ފާހަގަކުރެއްވި. އެވަގުތު ކޮޅު ހިންގާ އެތައް ކަންކަމުގެ ސަބަބުން އެތައް ބަޔަކު ޑެމަރޭޖް ދައްކަން ޖެހި ބޮޑު ޚަރަދެއް އަތުންދާކަމަށް ވިދާޅުވި. މިކަމުގައި އެމްއޭސީއެލްއާއި މަޝްވަރާކޮށްލާފައި މި ނިންމީ މި 80 ގަޑިއިރު 124 ގަޑިއިރަށް، ޑެމަރޭޖް ނާރާ ވަގުތު އިތުރުކޮށްދޭނަން. އަދި ކަސްޓަމްސްއާއި އެމްއޭސީއެލް ގުޅިގެން ކްލިއަރިން މަސައްކަތަށް މިހާރު މިއޮންނަނީ 1 ޝިފްޓް ނޫނީ 2 ޝިފްޓް ގާތްގަނޑަކަށް 18 ގަޑިއިރު. އެގޮތަށް އޮތުމުގެ ބަދަލުގައި ރައުންޑް ދަ ކްލޮކް 24 ގަޑިއިރަށް ބަދަލުކޮށްދޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭރުން މުދާ ގެންނަ ވިޔާފާރިވެރިންނަށް އެއަރޕޯޓު އަދި ސީޕޯޓުތަކުގައި ދިމާވާ ހުރިހާ ދަތިތަކެއް ހައްލުކޮށްދިނުމަށް އެކަމުގައި މަޝްވަރާކޮށްގެން ހައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަންވެސް ވިޔަފާރިވެރިންނަށް އަރުވާފައެވެ. މީގެ އިތުރުންވެސް ވިޔަފާރިވެރިންނަށް ދިމާވާ އެކި ގޮންޖެހުންތަކަށް ހައްލު ހޯއްދައިވައި ދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ވިޔަފާރިވެރިން ފާޅުކޮށްފައިވާ ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި ބިދޭސީންގެ ކޯޓާ މައްސަލައާއި ބިލްތަކަށް ފައިސާ ނުލިބި ދައުލަތަށް ޓެކްސް ދައްކަން ޖެހުން ފަދަ މައްސަލަތައް ފާހަގަކުރެއްވިއެވެ. މިމައްސަލަތަކުގައި ކަމާއި ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާ ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވިދަޅުވިއެވެ. އަދި ފައިސާ ނުލިބި ހުރި ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ، ދައުލަތުން އެފަރާތްތަކަށް ދައްކަން ހުރި ފައިސާއިން ކަނޑާލެވޭނެ ގޮތަށް ވީހާވެސް ގިނަ ފަރާތްތައް ހިމެނޭނެހެން ރަނގަޅު އިންތިޒާމެއް ހަމައްޖައްސަވައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކުރައްވާނެކަމަށް ވިދާޅުވިއެވެ. މިގޮތުން އެފަދަ ވިޔަފާރިތަކަށް، އެއް އުޅަނދުނަމަވެސް ރަޖިސްޓްރީ ކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް މަޝްވަރާކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ތިލަފުށީގައި މިއަންނަ މަހު ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓާނެކަންވެސް ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ބޭނުންވަނީ ގޯސްކޮށް ހުރި ކަންކަން ހަރުދަނާކޮށް ރަނގަޅަށް ހިންގަމުންދާ ކަންކަން އިތުރަށް ރަނގަޅުކުރުމަށްކަމަށް ވިދާޅުވެފައެވެ. އަދި ޖުމްލަކޮށް ވިޔަފާރިވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް މަޝްވަރާކޮށް ހައްލު ހޯއްދާވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.