ޚަބަރު

އޮޑި މޮޅުވެ މާޒިޔާއާ އޮތް ފަރަގު 3 ޕޮއިންޓަށް ކުޑަކޮށްފި


ދިރާގު ދިވެހި ޕްރިމިއަރ ލީގު 26/2025 ގައި އޮޑި ސްޕޯޓްސް ކުލަބު މޮޅުވެ ލީގު އެއްވަނައިގަ އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެމެދުގަވާ ފަރަގު ކުޑަކޮއްފިއެވެ. ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ މައްޗަށް އޮޑި ކުރި ހޯދީ 5-1 ލަނޑުންނެވެ.

މި ނަތީޖާ އެކު އެންމެ ފަހުން މާޒިޔާ ކުޅުނު މެޗު އެއްވަރުވުމުގެ ފައިދާ ނަގާ އޮޑި ފަރަގު ކުޑަ ކުރީ ކުޅުނު 11 މެޗުން ހޯދި 28 ޕޮއިންޓު ހޯދައިގެންނެވެ. ލީގުގެ އެއްވަނާގަވާ މާޒިޔާއާ ތިން ޕޮއިންޓަށް ގާތަށް އޮޑިން ޖެހިލި އިރު މާޒިޔާ އެއްވަނައިގަ އޮތީ 31 ޕޮއިންޓާއެކުވެ.

ވިއްސާރައިގަ ކުޅުނު މެޗުގައި އޮޑިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޮޑިން ވަނީ މެޗު ފަށައިގެން އެޓޭކްތަށް ވަރުގަދަކޮށް ޔުޥިގެ ގޯލަށް ނުރައްކާ ކޮއްފައެވެ. މިމެޗުގައި އޮޑިން ޖެހި ފުރަތަމަ ލަނޑަކީ 27 ވަނަ މިނިޓުގައި އޮޑީގެ މުޒްދާން ހަސަން ފޮނުވާލި ހަމަލާ އެއް ޔޫވީގެ ކީޕަރު މުސްތަފާ އަދެލް އަތުގައި ޖެހިފަ ނުކުތުމުން އެޓީމުގެ ޑިފެންޑަރ މުހައްމަދު ސަމްހާން ފައިގަ ޖެހިފަ ބައިކޮޅަށް ވަތް ލަނޑެކެވެ.

އޮޑީގެ ދެވަނަ ލަނޑަކީ މެޗުގެ 34 ވަނަ މިނިޓުގައި ލބުނު ޕެނެލްޓީއަކުން ލިތުއޭނިއާ ގެ ފޯވާޑް ކަރޮލިސް ލަކުއެޒެމިސް ކާމިޔާބު ކުރި ލަނޑެކެވެ. މިއީ އޮޑީގެ އަބްދުﷲ ލޫތު އިބްރާހިމް އޭރިއާ ތެރެއިން ކީޕަރު ކައިރިން ނައްޓާލަފަ ދާން އުޅުމުން ކީޕަރު ކުރި ފައުލަކަށް ދިން ޕެނެލްޓީއެކެވެ.

އޮޑިން އިތުރަށް ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނިޓުގެ ތެރޭގައި މުޒްދާން ނަގައިދިން ބޯޅައަކުން ކަރޮލިސް އެވެ. މި ލަނޑު ޖެހިތާ މާ ގިނައިރެއް ނުވެ އޮޑީގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ 57 ވަނަ މިނިޓުގައި އަހުޒަމް ރަޝީދު ދިން ބޯޅައެއް އޭރިއާ ތެރެއަށް ހިފައިގެން ވަދެ މުޒްދާން އެވެ.

މެޗުގެ 62 ވަނަ މިނިޓުގައި އޮޑީގެ އަހުމަދު އައިހަމް ފޮނުވާލި ބޯޅައެއް ވަނީ ގޯލަށް ވަދެވެފައެވެ. ޔޫވީން މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ 73 ވަނަ މިނިޓުގައި މިސްރުގެ ފޯވާޑް މުސްތަފާ މަހްމޫދް އެލްޝާޒްލީ ކާމިޔާބުކޮއްދިން ލަނޑެކެވެ. މިއީ އެޓީމާ އަލަށް ގުޅުނު ބިދޭސީ ފޯވާޑް މުހައްމަދު ސާމިރު ދިންބޯޅަ އަކުން މުސްތަފާ ބޮލުން ކާމިޔާބު ކުރި ލަނޑެކެވެ.

މި ދެޓީމު ފުރަތަމަ ބުރުގައި ބައްދަލު ކުރި މެޗު އޮޑި ކާމިޔާބުކުރީ 4-0 ލަނޑުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން ލިބުނު 7 ޕޮއިންޓާ އެކު ޔުވީ އޮތީ 8 ވަނައިގައެވެ. މިއީ އޮޑިން މި ލީގުގަ ހޯދި 9 ވަނަ މޮޅެވެ.