ޚަބަރު

ކުޅިވަރު ތަރައްޤީކުރުމަށް ރައީސް ކުރައްވާ މަސައްކަތް ޠަލާލް ފާހަގަކުރައްވައިފި


ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު، ކުޅިވަރުގެ ދާއިރާ ތަރައްޤީ ކުރުމަށް ދެއްވާ އަހައްމިއްޔަތުކަން، ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލް ފާހަގަކުރައްވައިފިއެވެ.

ޠަލާލް މިކަން ފާހަގަކުރައްވާފައިވަނީ ރާއްޖޭގައި މިހާރު ކުރިއަށްދާ ވިމެންސް ކާވާ ކަޕް 2025 ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުންނެވެ.

މިގޮތުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށާއި އިތުރަށް ތަރައްޤީކުރުމަށް މަސައްކަތް ކުރައްވަމުންދާކަން ސްޕޯޓްސް ކޮމިޝަނަރ ޠަލާލު ވަނީ ފާހަގަކުރައްވާފައެވެ.

ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލު ވިދާޅުވީ، ކުޅިވަރު ތަރައްޤީކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް، އެމަނިކުފާނަށް ކުޅިވަރުގެ އާއިލާގެ ފަރާތުން ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

ވުމެންސް ކާވާ ކަޕްފަދަ ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ފަހިވުމުގެ ސަބަބުން، އަމިއްލަ ޤައުމުގައި ކުޅުންތެރިންގެ ހުނަރު ދެއްކާލުމުގެ ފުރުސަތު ފަހިވެގެންދެއެވެ. މީގެ އިތުރުން ރެފުރީއިންނަށާއި ޓެކްނިކަލް އޮފިޝަލުންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ޒުވާނުންގެ ތަރައްޤީއަށާއި، ބައިވެރިވާ ޤައުމުތަކުގެ ދެމެދުވާ ގުޅުންތައް ބަދަހިވުމަށްވެސް ހުޅުވިގެންދާ އިތުރު ދޮރެކެވެ.

ރާއްޖޭގެ ކުޅިވަރުގެ މައިދާނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެވުމަކީ، މިސަރުކާރުގެ ވަރަށް ބޮޑު އިސްކަމެކެވެ.