ޚަބަރު

މި ހަފުތާގައި އެފްޑީސީގެ ހުރިހާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށަނީ


  • ހުރިހާ ފްލެޓެއްގެ މަސައްކަތް ވަނީ ނިމިފައި

  • ޖަނަވަރީ ކުރީކޮޅު ހުރިހާ ފްލެޓެއް ހަވާލުކުރުމަށް ދަނީ މަސައްކަތް ކުރަމުން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ތަރައްގީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުތައް ހަވާލުކުރުން އަވަސްކޮށްފިއެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަމާން އުދަރެސް އަދި އަމާން ދޯދީގެ ހުރިހާ ފްލެޓެއްގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ނުނިމި ހުރީ އެމްޑަބްލިއުއެސްސީން މަގުތަކުގައި ކުރަންޖެހޭ މަސައްކަތެއް ކަމަށާއި އެހެންވެ، ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިން ރާވާފައިވާ ތާރީޚަށްވުރެ ކުރިންހަވާލުކުރަން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ފްލެޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރާނެ އައު ތާރީޚުތައް ފަހި ފޯޓަލް މެދުވެރިކޮށް މިރެއިން ފެށިގެން އަންގަމުންދާނެ ކަމަށެވެ. އުއްމީދަކީ ވީހާވެސް އަވަހަށް މި މަސައްކަތް ނިންމައި ފްލެޓް ލިބިފައިވާ ހުރިހާ ފަރާތްތަކާ ފްލެޓުގެ ތަޅުދަނޑި ހަވާލުކުރުން ކަމަށް ވިދާޅުވިއެވެ.

އެފްޑީސީން މިހާރު ލަފާ ކުރާ ގޮތުގައި އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ހުރިހާ ފްލެޓެއްގެ ތަޅުދަނޑި ހަވާލުކޮށް ނިމޭނެ ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ. އެފްޑީސީން ކުރިން ވިދާޅުވެފައިވާ ގޮތުގައި ބައެއް ޓަވަރުތަކުގެ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށޭނީވެސް އަންނަ އަހަރުގެ ޖަނަވަރީމަހުގެ ފަހުކޮޅުގައެވެ.

އަމާން އުދަރެސް އަދި އަމާން ދޯދިން ފްލެޓް ލިބިފައިވާ ފަރާާތްތަކަށް ޑައުންޕޭމަންޓް ދެއްކުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ތަޅުދަނޑި ހަވާލުކުރަނީ ޑައުންޕޭމަންޓް ދައްކައި ނިމުމުންނެވެ.

މި ފްލެޓުތައް ލިބުނު ފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އެ އަގުތަކަށް ބަދަލުގެނެސްފައެވެ. އެގޮތުން، މިހާރު 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 8،500 ރުފިޔާ އަދި ކުލީގެ ގޮތުގައި މަހަކު 10،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ޑައުންޕޭމަންޓަށް 6،000 ރުފިޔާ އަދި މަހު ކުލީގެ ގޮތުގައި 7،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ އަގުތައް ކުޑަކޮށްދެއްވާފައެވެ.

މި ގެނައި ބަދަލުތަކާއެކު މިހާރު ޑައުންޕޭމަންޓުގެ ގޮތުގައި ކުރީގެ އަގުތަކާ އެއްގޮތަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ ފްލެޓެއްގެ ޑައުންޕޭމަންޓަށްވާ އަދަދު ކެނޑުމަށްފަހު ބާކީވާ ފައިސާ މަހު ކުލިން އުނިކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުން ނިންމާފައިވާގޮތުގައި ތަޅުދަނޑި ހަވާލުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެއެވެ. ނަމަވެސް އެ މުއްދަތުގައި ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެއެވެ.