ޚަބަރު

"ބަދަލުވަމުންދާ ދުނިޔެއަށް ތައުލީމާއި ހުނަރު ތަރައްޤީކުރުން މުހިންމު"


  • މުސްތަޤްބަލުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމުކަމެއް

  • ޒުވާނުންގެ ހުނަރާއި ޝައުގުވެރިކަން އިތުރުކުރުމަށް ޤައުމު ބޭނުންވޭ

ބަދަލުވަމުން އަންނަ ދުނިޔެއަކަށް ތައްޔާރުވުމަށް ޒުވާނުންގެ ތައުލީމާއި ހުނަރު ތަރައްޤީކުރުމަކީ މުހިންމުކަމެއްކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެވެ.

ވަޒީރު މިހެން ވިދާޅުވީ ޒުވާނުންގެ ޤައުމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ ޒުވާނުންނަކީ މުސްތަޤްބަލުގެ ލީޑަރުންނާއި ޤައުމުގެ ބަޠަލުންކަމަށެވެ. މާދަމާ ރާއްޖެ އޮންނާނީ މިއަދުގެ ޒުވާނުންގެ ފިކުރާއި ސުލޫކުގައި އެކަން ކުރަހާލެވޭ ގޮތެއްގެ މަތީގައިކަމަށް ކަމަށާއި އެހެންކަމުން މުސްތަޤްބަލުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމުކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަދުގެ ޒުވާނުންނަކީ ސުލޫކީ ސިފަތަކާއި އިޖްތިމާޢީ ސިފަތައް ލިބިގެންވާ ދީނަށް އަމަލުކުރާ އަޚްލާގު ރަނގަޅު، ރީތި ސިފަތަކުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހަދައި ޤައުމަށް ހަވާލުކުރެވޭ ބަޔަކު އުފެއްދުމަކީ ކުރުން މުހިންމުކަމެއްކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ޒުވާން އުމުރުގައި ގިނަ ވަގުތު މަސައްކަތުގައި އުޅޭ ހިތްވަރުގަދަ ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހޭނެ ގިނަ ޒުވާން އެބަތިބިކަމަށާއި އެފަދަ ޒުވާނުން ޤައުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ ޒުވާން ޖޯށާއި ބުންވަރުން މިއަދު ނުނެރުވުނު މުރާލިކަމެއް މާދަމާ ނުނެރެވޭނެކަމަށެވެ. ޒުވާންކަމުގެ ހަޔާތުން ފާއިތުވާ ކޮންމެ ދުވަހަކީ ހަކަތައިން ގެއްލޭ ދުވަހެއްކަމަށާއި ކުރަން އަޒުމް ކަނޑައަޅާ ކޮންމެ ކަމެއް މާދަމާ ކުރެވޭނީ އެކަން ހާސިލްކުރަން މިއަދު ކުރާ މަސައްކަތަކުންކަމަށް ވިދާޅުވިއެވެ. އަދި ކަންނެތް ކަމުގައި ތިބެގެން ހާސިލްވާނެ އެކައްޗެއްވެސް ނެތްކަމަށާއި ތިމާގެ ކާމިޔާބާއި ނާކާމިޔާބު އޮތީ ތިމާގެ އަތުގައިކަމަށް ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވަޒީރު ވިދާޅުވީ ބަދަލުވަމުން އަންނަ ދުނިޔެއަކަށް ތައްޔާރުވުމަށް ޒުވާނުންގެ ތައުލީމާއި ހުނަރު ތަރައްޤީކޮށްދިނުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ޒުވާނުންގެ ޚިޔާލުތައް ހަޤީގަތަކަށް ހެދުމަށް އެހީތެރިވެދޭ އެންޓަރޕްރިނިއަރޝިޕް ޕްރޮގްރާމްތައް ހިންގުމަށާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމާއި މީގެ އިތުރުން ކުޅިވަރާއި ކްރިއޭޓިވް އާރޓްސްގައި ޒުވާނުންގެ ހުނަރާއި ޝައުގުވެރިކަން އިތުރުކުރުމަށް ޤައުމު ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިޤްތިޞާދީ ފުދުންތެރި އަމިއްލަ ކަންކަން ހިންގުމުގެ ޤާބިލްކަން އިތުރުކުރުމަށް މިޤައުމު އެބަ ގޮވާލާ. ޒުވާނުންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަޒަން ކުރޭ އަދި އެކަން ކުރައްވާނެ. ޒުވާނުންގެ ދާއިރާ ތަނަވަސްކޮށްދެއްވާނެ. ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާނެ" ވަޒީރު ވިދާޅުވިއެވެ.

މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ ތިބާއަކީ ކޮންމެ ދާއިރާއެއްގެ މީހަކަށްވިއަސް ޤައުމުގެ ކުރިއެރުމަށް އެމީހެއްގެ ހުނަރު ބޭނުންކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އެގޮތުން އިލްމަކީ އެންމެ ވަރުގަދަ ހަތިޔާރުކަމަށާއި ކެނޑިނޭޅި އިލްމު ހޯދާ ދީލަތިކަމާއެކު ހިއްސާކުރުމަށާއި ޝައުގުވެރިކަމާއި ހިތްވަރާއެކު އުގެނި ދަސްކޮށް އެކަމަށް މިސަރުކާރުން ގެންދަނީ ޒުވާނުން ބޭނުންވާ މަގުތައް ފަހިކުރަމުންކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.