މިއަހަރު ފަތުރުވެރިކަމުން ލިބޭ އާމްދަނީ، އަންދާޒާ ކުރި މިންވަރަށްވުރެ އިތުރުވާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޠާރިޤު މިކަން ހާމަކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ފަތުރުވެރިިކަމާ ބެހޭ ވުޒާރައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފާތުރުވެރިކަމުގެ ސިނާޢަތުގައި މި ވޭތުވެ ދިޔަ 2 އަހަރު ތެރޭގައި ހާސިލްކުރެވިފައިވާ މުހިންމު ކާމިޔާބީތައް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ހިއްސާކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރާއި ހަމައަށް ފަތުރުވެރިކަމުގެ އާމްދަނީ 6 ބިލިޔަން ޑޮލަރަށް އިތުރު ކުރުމެވެ. އެމަގަށް ކުރެވޭ މަސައްކަތުން މިވޭތުވެ ދިޔަ ދެ އަހަރު ތެރޭ މި ސިނާޢަތަށް 6،665 އެނދު ޚިދުމަތަށް ނެރެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުކުރެވިގެންދާއިރު، ފަތުރުވެރިކަމުން ލިބޭނެ ކަމަށް ސަރުކާރުން މިހާރު ލަފާކުރާ އާމްދަނީގެ ތަފާސްހިސާބުތައް ވަޒީރު ހިއްސާކުރައްވިއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ރާއްޖެއަށް 2.05 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި ސިނާޢަތަށް 4.79 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއަހަރުގެ ނިޔަލަށް ސަރުކާރުން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރީ، 2.24 މިލިޔަން ފަތުވެރިންނެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ އާމްދަނީ 5.45 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރިއެވެ. ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިން ނިސްބަތަށް ބަލާ، އެ ވުޒާރާއިން މިހާރު ލަފާކުރަނީ ފަތުރުވެރިކަމުގެ އާމްދަނީ 5.55 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށެވެ. މިއީ އަހަރުން އަހަރަށް ބަލާނަމަ 16 އިންސައްތައިގެ ކުރިއެރުމެކެވެ.
"އަޅުގަނޑުމެންނަށް އެންމެ މުހިންމު ޓާގަޓަކީ ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުން. އަޅުގަނޑުމެން އާމްދަނީ އިތުރުކުރަން ކަނޑައަޅާފައި އޮތް ޓާގެޓް އެއީ 5.45 ބިިލިޔަން ޑޮލަރު. އެހެންވީމަ އެ ޓާގެޓަށް ވުރެ މައްޗަށް އަރައިގެންދާނެ. އެއީ އަޅުގަނޑުމެން އެންމެ މުހިންމު ޓާގެޓަކީ، އަޅުގަނޑުމެން އިޤްތިޞާދު ހަރުދަނާކޮށް އެ ޓާގެޓަށް ވާސިލްވާން މިދަނީ. ޓުއަރިޒަމަކީ އަޅުގަނޑުމެން އިޤްތިޞާދު ރަނގަޅު ކުރުމަށް ކުރާ މަސައްކަތެއް. އެހެންވީމަ އެ ޓާގެޓް އަޅުގަނޑުމެންނަށް ހާސިލްވެ އެއަށް ވުރެ މައްޗަށްވެސް އެބަދޭ." ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
ފަތުރުވެރި ސިނާޢަތް ކުރިއަރުވައި އިތުރަށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރުން ހަވާލުވިފަހުން ފަތުރުވެރިކަން ފުޅާވެފައިވާ ނެތް ރަށްތަކަށް ލުއިތައް ދީ، އަދި ފަތުރުވެރިކަން ތަރައްޤީކުރުމަށް އިތުރު ތަންތަން ހަވާލުކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެވުޒާރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2.17 މިލިޔަން ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި އައިސްފައިވަނީ 1.97 މިލިޔަން ފަތުރުވެރިންނެވެ. މިއީ އަހަރުން އަހަރަށް 10 އިންސައްތައި ކުރިއެރުމެކެވެ.