އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ފަސޭހަ ކަމާއެކު ނައިޖީރިއާ އާއި ސެނަގާލް އަދި ކޮންގޯއިން މެޗުތައް ކާމިޔާބު ކޮށްފިއެވެ.
ނައިޖީރިއާ މޮޅުވީ ޓެންޒޭނިއާއާ ވާދަކޮށް 2-1އިންނެވެ. ސެނެގާލް މޮޅުވީ ބޮޓްސަވަނާ އަތުން 3-0އިންނެވެ. ބެނިންގެ މައްޗަށް ކޮންގޯ ކުރި ހޯދީ 1-0އިންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ނައިޖީރިއާ މެޗުގެ މޮޅު ކުޅުންތެރިޔާ ސެމީ އަޖާއީ ބުނީ އޭނާގެ ގޯލުން ޓީމު މޮޅުވުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. ކޯޗު އެރިކް ޗެއްލޭ ބުނީ ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށާއި ނަމަވެސް ތިން ޕޮއިންޓް ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
"އެންމެ މުހިންމު ކަމަކީ ތިން ޕޮއިންޓް ހޯދުން. މިވަގުތު އަހަރެން ބޭނުންވަނީ ޓީމުގެ ރަނގަޅު ކަންކަމުގެ ވާހަކަ ދައްކަން. އެކަމަކު މެޗުން ފެނިގެންދިޔަ އަހަރުމެން ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހިފައިވާކަން. ހާއްސަކޮށް ވަރުގަދަ އަދި މޮޅުވާން ޖެހޭ މެޗުތަކުގައި އަހަރުމެން ކަންކުރަންޖެހޭ ގޮތް އެބަޖެހޭ ރަނގަޅު ކުރަން،" ކޯޗު ބުންޏެވެ.
ޓެންޒޭނިއާގެ ކޯޗު މިގުއެލް އެންޖެލް ގަމޮންޑީ ބުނީ ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް އޭނާގެ ޓީމު ރަނގަޅަށް ކުޅުނު ކަމަށެވެ.
ބޮޓްސަވާނާ މެޗަށް ފަހު ސެނަގާލްގެ ކޯޗު ޕަޕޭ ތިއާ ބުނީ ބޮޓްސަވާނާ ކޮޅަށް ގިނަ ގޯލުތަކެއް ނުޖެހުނީ އެ މީހުން ކުޅުނު ޑިފެންސިވް ގޭމުގެ ސަބަބުން ކަމަށެވެ. ހަމަމިއާއެކު ބޮޓްސަވާނާގެ ކޯޗު މޮރެނާ ރޮމޭރޮއުބޯލީ ބުނީ އޭނާގެ ޓީމު ކުޅުނީ ހުރިހާ ގޮތަކުން މާމޮޅު ޓީމަކާ ކަމަށާއި ނަމަވެސް ގޭމް ޕްލޭނާއެއްގޮތަށް ނުދިޔައީ ހަމައެކަނި ނަތީޖާ ކަމަށެވެ.
ކޮންގޯ މޮޅުވި މެޗަށް ފަހު އެ މެޗުގެ މޮޅު ކުޅުންތެރިޔާ ތިއޯ ބޮންގޮންޑާ ބުނީ ބެނިން އަކީ ކިހާ ފެންވަރެއްގެ ޓީމެއްކަން ކުރިން އެނގިފައިނުވާ ކަމަށެވެ.
"އަހަރުމެން ކުޅުނީ އެ މީހުން މާބޮޑަށް ނޭނގި ތިބެ. އެފްރިކާ ކަޕުގައި އެއްވެސް ޓީމެއް ފަސޭހަ ނުވާނެކަން މި މެޗުން ފެނިގެންދިޔައީ. އަހަރުމެން އެންމެ ގޯލެއް ޖެހިޔަސް ތިން ޕޮއިންޓް ލިބުމަކީ ހިތްހަމަޖެހުމެއް،" ތިއޯ ބުންޏެވެ.
ބެނިންގެ ކޯޗު ގާނެޓް ރޯހޯ ބުނީ އޭނާގެ ޓީމު ބަލިޔަސް ދެއްކީ ފަހުރުވެރިވުން ހައްގު ކުޅުމެއް ކަމަށެވެ.