އެތައް އިރެއްވަންދެން ބޯކޮށް ވާރޭ ވެހުނު އިރު ވެސް ދަނޑު ބަރާބަރު ކަމަށާއި މިކަމަށްޓަކައި މުބާރާތް އިންތިޒާމް ކުރި މޮރޮކޯ އަށް ޓިއުނީޝިއާ ކޯޗު ސާމީ ޓެރަބްލްސީ ޝުކުރު އަދާކޮށްފިއެވެ.
އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ޔުގެންޑާ އަތުން 3-1އިން މޮޅުވި މެޗަށް ފަހު ކޯޗު ބުނީ މިއީ އާއްމުކޮށް އެފްރިކާ ކަޕުގައި ނުފެންނަ ކަމެއް ކަމަށެވެ.
"އެހާވަރަށް ވެހުނު އިރު ވެސް ދަނޑުގެ ކަންޑިޝަނަށް އެއްވެސް ބަދަލެއް ނާދޭ. މީގެ ސަބަބުން އަހަރެން އެބަޖެހޭ މުބާރާތް ބާއްވާ ގައުމަށް ޝުކުރު އަދާކުރަން. އެހެންނޫނީ މިއީ މަދުން ނޫނީ ނުވާ ކަމެއް،" ކޯޗު ބުންޏެވެ.
ރޭގެ މެޗު ކުޅުނީ މޮރޮކޯގެ ޕްރިންސް އަބްދުﷲ އޮލިމްޕިކް އެނެކްސް ކޮންޕްލެކްސްގަ އެވެ.
އޭނާގެ ޓީމު މޮޅުވި ނަމަވެސް ކޯޗު ބުނީ ޓިއުނީޝިއާއިން ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
"އަހަރެންގެ ޓީމުގައި އެބަތިބި މި ނޫނަސް މޮޅަށް ކުޅޭނެ ކުޅުންތެރިން. މި މެޗުން އަހަރުމެން މޮޅުވި ނަމަވެސް ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ. އަހަރުމެން މި ތިބީ މި މުބާރާތުގެ ކޮންމެ މެޗެއް ވެސް އުނދަގޫ ވާނެ ކަމަށް ނިންމައިގެން. އަހަރުމެންގެ ވިސްނުމަކީ މެޗަކަށް ފަހު މެޗެއްގައި ކުޅުން ރަނގަޅު ކުރުން،" ކޯޗު ބުންޏެވެ.
ޔުގެންޑާގެ ކޯޗު ޕައުލް ޕުޓް ބުނީ އޭނާގެ ޓީމު ބަލިވި މައިގަނޑު ސަބަބަކީ މާބޮޑަށް ޓިއުނީޝިއާ އަށް ދޫދިނުން ކަމަށެވެ.
"އަހަރުމެންނަށް ތިބެވުނީ މާމަޑުމަޑުން. ޓިއުނީޝިޔާ އަށް މާބޮޑަށް އިހްތިރާމް ކުރެވުނީ. އަހަރުމެން އެހާ އެގްރެސިވް އެއްނުވި. އަހަރުމެން ރަނގަޅަށް ކުޅުނީ އެންމެ ފަންސަވީސް މިނިޓް. އޭގެ ފަހުން ތިބީ ފަހަތު ފަޔަށް ބަރުވެފައި،" ކޯޗު ބުންޏެވެ.