ރާއްޖޭގައި އިތުރުވަމުން އަންނަ ސައިބަރ ކުށްތައް މަދުކުރުމަށްޓަކައި އަންނަ އަހަރު ސައިބަރ ސެކިއުރިޓީއާއި ގުޅޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޮންލައިން ޕްލެޓްފޯމްތަކުގައި ހިންގަމުންދާ ކުށްތައް ހުއްޓުވުމަށް ކުރިއަށް އޮތް އަހަރު ވަރަށް ގިނަ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ސައިބަރ ކުށްތައް އިތުރުވުމުގެ މައްސަލަވެފައިވަނީ އާންމުންގެ ކަންބޮޑުވުމާއި ގުޅިފައިވާކަމަކަށެވެ. އެގޮތުން އެކި ބާވަތުގެ ސްކޭމްތަކުގައި ގިނަ ޢަދަދެއްގެ ފައިސާ ފޭރުމާއި، އޮންލައިން އެކި ޕްލެޓްފޯމްތަކުގައި ހަނގާކުރުމާއި ފޮށުމާއި އެނޫންވެސް ނޭދެވޭ އެތައް ޢަމަލެއް ހިންގަމުންދާކަމުގެ ޝަކުވާވަނީ ބޮޑުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއެކު ކުރިއަށްގެންދެވި "ކޮފީ ވިތް ޕްރެޒިޑެންޓް"ގައިވެސް ޒުވާނުންވަނީ މިކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އެކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސައިބަރ ކުށް މަދުކުރުމަށްޓަކައި އަންނަ އަހަރު މުހިއްމު ގިނަ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އަންނަ އަހަރު އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.
"ސައިބަރ ސެކިއުރިޓީއާއި ގުޅޭގޮތުން ޤާނޫނީގޮތުންވެސް މާބޮޑުވެސް ރައްކާތެރިކަމެއް ނެތް އަދިއެއް މިކަމުގައި. އަޅުގަނޑުމެން މިހާރު މިއުޅެނީ ސައިބަރ ސެކިއުރިޓީ އެކްޓެއް ގެންނަންވެގެން" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ އަހަރު ޤާއިމުކުރެވުނު ނޭޝަނަލް ސަރިބަރ ސެކިއުރިޓީ އޭޖެންސީ އެންމެ ރަނގަޅަށް ހިންގައިގަންނާނީ މިޤާނޫނު ވުޖޫދުކުރެވުމުންކަމަށެވެ. ސައިބަރ އިންސިޑެންޓް ރެސްޕޮންސް ޓީމެއް ޤާއިމުކުރުން އަދި ސައިބަރ ކްރައިމްއާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް މީހުން ބިނާކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ރާއްޖެއިންވަނީ ސައިބަރ ކުށްތައް ހުއްޓުވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރާ އދ.ގެ މުޢާހަދާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް"ގައި ބައިވެރިވެފައެވެ. ރާއްޖެއަކީ މިމުޢާހަދާގައި އެންމެ ފުރަތަމަ ބައިވެރިވީ ޤައުމުތަކުގައި ހިމެނޭ ޤައުމެކެވެ.