ޚަބަރު

ކަނޑުތަކާއި މޫސުމީ ދިރާސާތައް ކުރިއެރުވުމަށް އެއްބަސްވުމެއް


  • ދިރާސާކުރާ މަރުކަޒުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ

  • ތަފާސްހިސާބުތަކުގެ މައްޗަށް ބިނާވެފައިވާ ސައިންޓިފިކް ދިރާސާތައް ކުރުމަށް އެހީތެރިވެދޭނެ

ކަނޑުތަކާއި ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު، ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު އެމްއެންޔޫ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ. އަދި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަސަދު އަލީއެވެ.

އެމްއެންޔޫއިން ވިދާޅުވީ، މި އެއްބަސްވުން އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ ދިރާސާކުރުމުގެ ގާބިލުކަން އިތުރުކުރުމާއި، ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫގެ މާސްޓާސް އަދި ޕީއެޗްޑީ ދަރިވަރުންނަށް ރިސޯޓްތަކުގައި ގާއިމުކޮށްފައިވާ ދިރާސާކުރާ މަރުކަޒުތަކާއި، އާލާތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެންޔޫއިން ފާހަގަކުރެއެވެ.

އެމްއެންޔޫއިން ވިދާޅުވީ، މިއީ ރާއްޖޭގެ ތައުލީމީ ދާއިރާ އާއި ފަތުރުވެރިކަމުގެ ސިނާއަތާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ސައިންޓިފިކް ދިރާސާތަކަށް މަގުފަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖެ ފަދަ މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް ގައުމެއްގައި ތަފާސްހިސާބުތަކުގެ މައްޗަށް ބިނާވެފައިވާ ސައިންޓިފިކް ދިރާސާތައް ކުރުމަށް އެހީތެރިވެދޭނެ ކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ކުރެވޭ ދިރާސާތަކުގެ އަލީގައި އެއްކުރެވޭ ސައިންޓިފިކް މައުލޫމާތުތަކަކީ މޫސުމީ ވިލުންތެރި ޤައުމެއް ބިނާކުރުމަށް އެހީތެރިވެދޭނެ މައުލޫމާތުތަކަކަށް ވެގެންދާނެ ކަމަށްވެސް އެމްއެންޔޫއިން ފާހަގަކުރެއެވެ.

އެމްއެންޔޫއިން މިހާރުވެސް މޯލްޑިވްސް ރެސިލިއަންޓް ރީފްސް، ރީފް ސްކޭޕާސް އަދި އޮލިވް ރިޑްލީ ޕްރޮޖެކްޓް ފަދަ ޖަމިއްޔާތަކާއެކު މަސައްކަތް ކުރަމުންދެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން، ހަޔަޓް ބްރޭންޑްގެ ދަށުން ހިންގާ ރިސޯޓްތަކުގައި ދަރިވަރުންނަށް ދިރާސާކުރުމުގެ ފުރުސަތުތަކާއި ޕްރޮފެޝަނަލް ލެބޯޓްރީތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަަމަށް އެމްއެންޔޫއިން ފާހަގަކުރެއެވެ.

ދަރިވަރުންގެ ދިރާސާކުރުމުގެ ހުނަރު ތަރައްގީކުރުމަކީ އެމްއެންޔޫއިން ބޮޑު އިސްކަމެއްދޭ ކަމެކެވެ. މިގޮތުން، ރާއްޖެއާއި ރާއްޖޭން ބޭރުގެ ދިރާސާކުރާ އިދާރާތަކާއި، ތިމާވެށި ރައްކާތެރިކުރާ ޖަމިއްޔާތަކުގެ އިތުރުން ރިސޯޓްތަކުގައި ހުންނަ މެރިން ލެބޯޓްރީތަކާއެކު އެމްއެންޔޫއިން އަންނަނީ ގާތް ގުޅުމެއް ބާއްވަމުންނެވެ. މިފަދަ ގުޅުންތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކާއި ފަރުތަކުގެ ނިޒާމާ ގުޅޭ ފުން ދިރާސާތަކުގައި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެގެންދެއެވެ.